އައްޑޫ ސިޓީ ހުޅުމީދޫ އެމްޓީސީސީ ސައިޓްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ޕްރޮޖެކްޓްގެ މަސައްކަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، މީދޫ އާއި ހުޅުދޫ ގެ މަޝްރޫއު ތަކުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއު އަކީ4.35 މިލިއަން ރުފިޔާގެ މަޝްރޫކެވެ. އެ މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރާ ތާރީހަކީ މި މަހުގެ 25 ވަނަ ދުވަސް ކަމަށް އެމްޓީސީސީން ބުނެއެވެ.

މީދޫގެ އެހެނިހެން މަޝްރޫއު ތަކަށް ބަލާލާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މި މަސްތެރޭ ފަށާގޮތަށް ހަމަޖެހިފައި ވާއިރު، ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރުގެ މަގަތު ފާލަމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަސްތެރޭ ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 1.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެގޮތުން އެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަސްތެރޭ ނިންމުމަށް އަމާޒު ކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް މިމަސް ތެރޭފެށިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫއުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ. އަދި މިހިނގާ 2021 ވަނަ އަހަރަކީވެސް ގިނަ މަޝްރޫއުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒެވެ. އެގޮތުން މިވަގުތުވެސް އެ ކުންފުނިން 52 ޕްރޮޖެކްޓެއްގެ މަސައްކަތް ހިންގަމުން އެބަ ދެއެވެ.