ޖެނުއަރީ 30، 2020 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު (24އ)، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައި ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 9 ކިލޯގެ ޑްރަގާއެކު އަރުޝަދުގެ އިތުރުން 8 މީހަކު ހައްޔަރު ކުރިއެވެ. ފުލުހުން ތުހުމަތު ކޮށްފައި ވާ ގޮތުގައި މި މީހުންގެ ތެރޭގައި އިސްކޮށް ހުރީ އަރުޝަދެވެ. މި މައްސަލާގައި އަރުޝަދު ބަންދު ކުރުމަށްފަހު ދޫކޮށްލާފައި ވަނިކޮށް، އޭނާ ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފުކޮށް، އަލުން ވަނީ ބަންދު ކޮށްފައެވެ.

ނަމަވެސް އޭނާގެ ބަންދު ރިވިއު ކުރުމަށް މިދިޔަ މަހު 17 ގައި ބޭއްވި ޝަރީއަތުގައި އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ޕީޖީ އޮފީހުން އެ އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާ، މިއަދު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކޮށް، ޝަރީއަތް ނިމެންދެން އަރުޝަދު ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.

އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާ ދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިނގާފައެވެ. އެގޮތުން އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ހޯޑެއްދޫގެ 10 ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ގެތައް ބަލައި ފާސްކުރި އިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ވެސް ވަނީ ފެނިފައެވެ.

އެ އޮޕަރޭޝަންގައި ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ވަނީ ހޯދައިފައެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައި ވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް ތަކުގައި ވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައި ވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ވަނީ ފްރީޒް ކޮށްފައެވެ.