ބުލީކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ބުނެފިއެވެ.

އެމްއެންޔޫއިން އެހެން ބުނެފައިވަނީ އެމްއެންޔޫ ގެ ސްޓޫޑެންޓް ޔޫނިއަންގެ ދަރިވަރަކަށް އެޔޫނިއަން އޮފީސް ތެރޭގައި ބުލީ ކުރާ މަންޒަރު ސިފަވާ ގޮތަށް ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެންޔޫއިން ކުރި ޓްވީޓެއްގައި ބުނީ ބުލީކުރުމާއި އަނިޔާކުރުން ފަދަ ކަންކަމަކީ އެމްއެންޔޫ އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން އެފަދަ ކަމެއްގެ ޝިކާރައަކަށް ވެގެން ރިޕޯޓް ކުރުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށް ވެސް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެފޮޓޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު އެކަމާ ގުޅިގެން ސްޓޫޑެންޓު ޔުނިއަން ބުނީ އެއީ ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ދަރިވަރެއްގެ އުފަންދުވަސް ފާހަގަކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެެވެ.

އެއް އިރެއްގައި ވެސް ރެގިން އަދި އެކަހަލަ އެއްވެސް ކަމަކަށް އެއްބާރުލުމެއް ނުދޭނެ ކަމަށް ވެސް ސްޓޫޑެންޓު ޔުނިއަން އިން ވަނީ ބުނެފައެވެ.