ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެޗްއާރްސީއެމްގެ މެމްބަރުންގެ މައްޗަށް 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލަ، މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ ހިލާފު ކަމަށް ކަނޑައަޅާފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ އެޗްއާރްސީއެމްގެ ކުރީގެ މެންބަރުން ކަމަށްވާ އަހްމަދު ތޮލާލް އާއި ޖީހާން މަހްމޫދު އދ ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި، ނޮވެންބަރު 02، 2020 ގައި އެ ކޮމިޓީއިން ވަނީ ގޮތް ނިންމާ، ކޮމިޓީގެ ވިއުސް އެޑޮޕްޓް ކޮށްފައި ކަމަށެވެ. އަދި ކޮމިޓީގެ ވިއުސް ފެބުރުވަރީ 19، 2021 ގައި ރަސްމީކޮށް ދިވެހި ސަރުކާރާ ހިއްސާ ކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.

އެގޮތުން ސެޕްޓެންބަރު 25، 2016 ގައި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅި މައްސަލާގައި، ސުޕްރީމް ކޯޓުން 2014 ގައި އެޗްއާރްސީއެމްއާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލައާއި، އެޗްއާރްސީއެމްއިން ދިވެހިރާއްޖޭގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ގާނޫނާ ހިލާފު، ވަކި ކޮޅަކަށް ބުރަވެފައިވާ އަދި އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއްކަމަށް ނިންމާފައިވާ ކަމަށް އެ މައްސަލާގައި ފާހަގަ ކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެޗްއާރްސީއެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އދ އަށް މައުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެން ދާގޮތަށް އަމަލު ކުރަން ޖެހޭ ވަކި ގައިޑްލައިންއެއް ކަނޑައެޅުއްވުމުގެ ސަބަބުން އެ ކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ ގެ 19 ވަނަ މާއްދާއިން ލިބިދޭ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް ވެސް އެ މައްސަލާގައި ފާހަގަ ކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލައަށް ފަހު ނެރެފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުން ކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާއި އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ހުރަސް އެޅިފައިވާކަން އެ ކޮމިޓީއިން ފާހަގަކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ހިންގާފައިވާ ސުއޯ މޯޓޫ މައްސަލައަށް ބެލުމަށް ފަހު، އެ ކޮމިޓީން ކަނޑައަޅާފައި ވަނީ އެޗްއާރްސީއެމްއަށް ކޯޓުން ކޮށްފައިވާ ތުހުމަތުތަކާއި ފާހަގަ ކޮށްފައިވާ ކަންކަމާއި ނެރެފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު "ގައިދުކުރުން" ކަމަށެވެ.

އެއީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމު މަގްސަދެއް ހާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ކަނޑައަޅާފައި ވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ. އަދި މުސްތަގްބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމަށް ނިންމަވާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގެ ގާނޫނީ ބާރު ނިމުމަކަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.

މަޖިލީހުން އެ އިސްލާހު ފާސްކޮށް، ސެޕްޓެންބަރު 22، 2020ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، ގައިޑްލައިންގެ ގާނޫނީ ބާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި އަދި ގާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން، ގާނޫނު އަސާސީން އެޗްއާރްސީއެމްއަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތައް މިނިވަންކަމާއެކު އަދާކުރުމުގެ ފުރިހަމަ ފުރުސަތު ފަހިވެގެންދާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.