ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހަރަކާތްތެރި ވާނެ އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އިލެކްޝަނުން އިތުރު ފުރުސަތު ދީފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރިއްވި ޓްވީޓެއްގައި ވިދާޅުވީ، ވޯޓުލާ މަރުކަޒު ތަކުގެ އަދަދަށް ބަދަލު އައުމާ ގުޅިގެން އޮބްޒާވަރުންނާއި މޮނިތަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 15ގެ ނިޔަލަށް ހުޅުވާލާފައި ވާ ކަމަށެވެ.
ވޯޓު ލުމުގެ ކަންކަން ހެޔޮ މަގުން ކުރުމަށް އެހީތެރިވުމަށް ޝަރީފު ވަނީ އެދިވަޑައިގެންފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.
އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ