ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރީރަޖިސްޓާ ކުރަން މަޖުބޫރުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފިއެވެ.

އެ ކޯޅިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގުރައިދޫ މަރުކަޒުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓުލުމަށް ބަހައްޓާ ފޮށްޓަށް ވޯޓު ލުމަށް ރީރަޖިސްޓާ ކުރުމަށް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމުގެޝަކުވާތައް އެކޯލިޝަނަށް ލިބެމުންދާ ކަމަށެވެ،

އެއީ ކަނޑައެޅިގެން މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގަށް އަރައިގަތުން ކަމަށާއި މީގެ ކުރިން އެ މަރުކަޒުގައި ވޯޓުލުމަށް ވޯޓު ފޮށްޓެއް ބަހައްޓާފަ ނުވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އަދި އެތަނުގައި މަސައްކަތް ކުރަނީ ގުރައިދޫއަށް ނިސްބަތްވާ މުވައްޒަފުން ކަމަށްވާ އިރު، ރަށުގެ ރަށްވެހިންނަށް ބަހައްޓާ ފޮށްޓަށް ވޯޓުލުމަށް އެ މުވައްޒަފުން ބޭނުންވާއިރު، ވަކި ފޮށްޓަކަށް ރަޖިސްޓްރީ ކުރުމަށް އެފަރާތްތަކަށް މަޖުބޫރުކުރުމަކީ ވޯޓަށް ނުފޫޒުފޯރުވުން ކަމަށްވާތީ މިފަދަ އަމަލުތައް ހުއްޓާލުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޮލިޝަނުން ބުނެފައިވަނީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު އެމީހަކު ބޭނުންވާ ތަނަކަށް ވޯޓުލުމުގެ ހައްގު ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ ކަމަށެވެ. އެހެން ކަމުން އެކަންކަން އިލެކްޝަން ކޮމިޝަނުން ބައްލާ އެފަދަކަންކަން ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.