ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓާ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އާއިޝަތު ސަމާހު ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާ، ތަޖުރިބާ ހޯއްދަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވަމުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ބޭންކިން އަދި ގާނޫނީ ދާއިރާއިން ހާސިލްކުރައްވާފައިވާ ތައުލީމާއި ހޯދާފައިވާ ތަޖުރިބާއާ އެކު ސަމާހު ކޯޕަރޭޓް ގަވާނެންސްގެ އުސޫލުތައް ހިފެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ޑައިރެކްޓާ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ ގޮތުގައި ސަމާހު ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން. ސަމާހު ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ދިވެހި ބޭފުޅަކު އައު މަގާމމާކާއެކު ބޭންކުގެ ލީޑާޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. ސަމާހު އަށް އިތުރު ކާމިޔާބީއަށް އެދެން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ޓިމް ސޯޔާ

ބީއެމްއެލް އިން ވަނީ ބޭންކުގެ އޮނިގަނޑަށް ގެނައި އިތުރު ބަދަލުތައް ވެސް މިއަދު ހާމަކޮށްފައެވެ. އެގޮތުން ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން ވަނީ އަލަށް އެކުލަވާލި ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

އޭގެ އިތުުރުން ބީއެމްއެލުން ވަނީ ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސާގެ މަގާމަށް މަރިޔަމް ހަމީދު އައްޔަންކޮށްފައެވެ. މިއާއެކު ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބީއެމްއެލް އިން ބުނީ އެ މަގާމަށް އައްޔަންކުރުވުމުގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސާވިސަސްގެ މަގާމުގައި ކަމަށެވެ.