ވިސާއަށް ފޯމު ހުށައެޅުމުގައި ދިމާވާ ދަތިތައް ލުއިކޮށްދިނުމުގެ ގޮތުން، އިންޑިއާ ވިސާ އޮންލައިންކޮށް އެދެވޭނެގޮތަށް ހަމަޖައްސައިިފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ ވިިސާއަށް ފޯމު ހުށައެޅުމުގައި ދިމާވާ ދަތިތައް ލުއިކޮށްދިނުމުގެ ގޮތުން، ވިސާ އެޕްލިކޭޝަން އެޕޮއިންޓްމަންޓް ހެއްދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން ވިސާ އެޕްލިކޭޝަން ކާމިޔާބުކަމާއިއެކު އޮންލައިންކޮށް ފުރިހަމަ ކުރުމަށްފަހު ވިސާ އެޕޮއިންޓްމެންޓް ވެބްސައިޓަށް ގޮސް އެންމެ އަވަހަށް ލިބެންއޮތް އެޕޮއިންޓްމެންޓް ހިޔާރުކުކޮށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

މި ބަދަލާއެކު ހޮޓްލައިން ނަންބަރު 7563947 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުން އަދި ހައިކޮމިޝަނުން ޓޯކަން ދޫކުރުން ވެސް މިހާރު ހުއްޓަލާފައިވާ ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

އިންޑިއަން ހައިކޮމިޝަނުން ބުނިގޮތުގައި މިއީ ވިސާ އެޕްލިކޭޝަން މަރުހަލާ ޑިޖިޓަލްކޮށް، ސްޓްރީމްލައިންކުރުމަށް ހައި ކޮމިޝަންގެ ފަރާތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.

ބޭސްފަރުވާ އަށް އިންޑިއާ އަށް ދާން ބޭނުންވާ ގިނަ އަދަދެއްގެ ދިވެހިން ވިސާ ހޯދަން ހައިކޮމިޝަން ދޮށުގައި ކިއު ހަދާ 7-8 ގަޑިއިރު ހޭދަކުރަން ޖެހޭ މައްސަލަ މި ފަހުން އޮތީ ބޮޑުވެފައެވެ.