ޏ. ފުވައްމުލަކުން ބަޔަކާއެކު މަހަށް ނިކުތް ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކުން ރޭ ފަތިހު 04:30 ހާއިރު މަހަށް ނިކުތް ޑިންގީއެއްގެ ހަބަރެއް ނުވެގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ އެ ޑިންގީ އިން މަހަށް ދިޔަ މީހެއްގެ އާއިލާގެ ފަރާތުން މިއަދު 10:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ޑިންގީ އަކީ ހުދު ކުލައިގެ ދަވާދު ލާ، ރަތް ކުލައިގެ ފަށެއް ދަމާފައިވާ 22 ފޫޓުގެ ޑިންގީއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ޑިންގީ ހޯދުމަށް އެމްއެންޑީއެފް ހެލިކޮޕްޓަރާއި އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ އިތުރުން ސީ އެމްބިއުލާސް ވެސް ހަރަކާތްތެރި ވަމުން ދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ޑިންގީގައި މަހަށް ދިޔަ މީހުން ދިޔަ ދިމާލެއް އަދި އަދި މީހުން ތިބި އަދަދު ވެސް ސާފު ނުވާ ކަމަށެވެ.