ހއ. ކެލާގެ ރައްޔިތުންގެ ޖީބުތައް ފުރާލުމަށް މި ދޫކޮށްލަނީ ރަން ބިސް އަލާ 12 ކުކުޅާއި 2 ހާ ކަމަށް، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެލާ ދާއިރާގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ ކެލާ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވީ، ހއ. ކެލާގައި، އެމްޑީޕީގެ "ތަރައްގީއަށް ޖަންޕެއް" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. މި މަސްތެރޭ ދޫކުރާ ބިންތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހަމީދު ބުނީ، މިއީ ޓޫރިޒަމަށް ހުޅުވިގެންދާ ދޮރުތަކެއް ކަމަށާއި ކެލާގެ ރައްޔިތުންގެ ޖީބުތައް ފުރާލާނެ ކަމަށެވެ. އަދި މީގެ އިތުރުން ކެލާގެ ދަނޑުބިން ބަހާ، ކެލާގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކާ، އޭގެ ހަމަ އަގު ހޯދައިދޭނެ ކަމަށް ވެސް ހަމީދު ވިދާުވިއެވެ.

"އަޅުގަނޑުމެން މި މަސްތެރޭ 12 ގެސްޓް ހައުސް އާ 2 ސިޓީ ހޮޓާ ދޫކޮއްލާނަން. ކުރިއަށް އޮތް ހަފްތާއެއް ތެރޭ މަސް މާރުކޭޓް ހަވާލު ކުރެވޭނެ. ހެލްތު ފެސިލިޓީއަކަށް ބިޑް ކަނޑަން އޮތީ ރެޑީވެފަ. އަދި މީގެ އިތުރުން ހެލްތު ސެންޓަރަށް ދީފައިވާ ބިމުގެ ބަދަލު ކަންތައް ނިމި އެކަން ވެސް ވަރަށް އަވަހަށް ކުރިއަށްދާނެ"
އާދަމް ޣުފްރާން

އެ ރަށު ކައުންސިލްގެ މިހާރުގެ ރައީސް އަދި އަންނަ ދައުރުގައި ކެލާ ކައުންސިލް މެންބަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އާދަމް ޣުފްރާން ވިދާޅުވީ، ކެލާގައި މިހާރު ވެސް ފެނަކައިގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަސް ތެރޭ 12 ގެސްޓް ހައުސާއި 2 ސިޓީ ހޮޓާ އަޅަން ބިން ދޫކުރާނެ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަފްތާ ތެރޭ މަސް މާރުކޭޓް ހަވާލު ކުރެވޭނެ ކަމަށާއި ހެލްތް ފެސިލިޓީއަށް ބިޑް ކުރަން އޮތީ ތައްޔާރު ވެފައި ކަމަށެވެ.

ކައުންސިން އިންތިހާބަށް ވާދަކުރާ ކެލާ އެމްޑީޕީގެ ޓީމު

ރޭ ބޭއްވި ޖަލްސާގައި ރަށްވެހި ފަތިސް ކެލާ ޓީމުން ވަނީ މައިގަނޑު ފަސް ސިޔާސަތެއް ހާމަކޮށް ނެރެފައެވެ. އޭގެތެރޭގައި "އެންމެ ފުރަތަމަ އިސްލާމް ދީން" ސިޔާސަތާއި "ޖަޒީރާ ކެލާ އިގްތިސޯދުގެ" ސިޔާސަތާއި "އިޖްތިމާއީ ރައްކާތެރިކަން" ސިޔާސަތާއި "ފަހި ކައުންސިލް" ސިޔާސަތުގެ އިތުރުން "ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައު" ސިޔާސަތެވެ.

މި ދެ ކެންޑިޑޭޓުންގެ އިތުރުން ކެލާ ކައުންސިލްއަށް ވާދަ ކުރަނީ މިހާރުގެ ނައިބު ރައީސް އައިޝަތު މިޒްނާ އާއި ބަދީއެއްސަލާމް ގެ އިތުރުން ފާޒިރާ އަލީ މަނިކެވެ.