މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންތަކެއް މަސައްކަތަށް ނުކުންނަން ދެކޮޅު ހަދައި، ހަޅުތާލު ކުރުމަށްފަހު އަނބުރާ މަސައްކަތަށް ނިކުމެއްޖެއެވެ.

މޯލްޑިވިއަނުން ބުނީ ސީޕްލޭންގެ ބައެއް ޕައިލެޓުން މިއަދު ކުރި އިހުތިޖާޖު ނިންމާލާ މަސައްކަތަށް ނިކުތީ، އެ އިހުތިޖާޖާ ގުޅޭގޮތުން މެނޭޖްމަންޓާ ކަންކަން ހިއްސާކޮށް ކަންބޮޑުވުން ފާޅު ކުރުމަށް ފަހު ކަމަށެވެ. އަދި މެނޭޖުމަޓުން ހައްލު ކުރަން ހުރި ކަންކަން ހައްލުކޮށް ދިނުމަށް ޕައިލެޓުން އެދުމުން މެނޭޖްމަންޓުން ވަނީ އެ ކަންބޮޑުވުންތައް އަޑުއަހާ ހައްލު ކުރަން ހުރި ކަންކަން ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުގައި، މިއަދު ހެނދުނުއްސުރެ ސީޕްލޭން ޕައިލެޓުން އިހުތިޖާޖު ކޮށްފައި ވަނީ ޗީފް ޕައިލެޓުގެ މަގާމުގައި ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެ މަގާމުން ވަކި ކުރުމާ ގުޅިގެން، އޭނާއަށް އެ މަގާމު އަލުން ދިނުމަށް ގޮވާލައެވެ.

އެއްވެސް އެންގުމަކާ ނުލާ ޗީޕް ޕައިލެޓް ވަކި ކުރުމަށްފަހު އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ކަމާ ނުބެހޭ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން ސީޕްލޭން ޕައިލެޓުން ވަނީ އެ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މިހާދަށް ވެސް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ވަނީ ކެޕްޓަން މުސްތަފާ މަންސޫރުގެ މަސައްކަތަށް ތައުރީފުކޮށް، އޭނާ ޗީފް ޕައިލެޓު ކަމުން ވަކި ކުރަން ނިންމި ނިންމުމަކީ ގަބޫލު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ބުނެފައެވެ. އަދި ޗީފް ޕައިލެޓަކީ އެންމެންނާ ގުޅިގެން މަސައްކަތް ކުރާ އެންމެން ގަބޫލު ކުރާ މީހަކަށް ވާން ޖެހޭނެ ކަމަށާއި، މުސްތަފާ މަންސޫރު މަގާމުން ވަކި ކުރަން ނިންމި ނިންމުގެ ސަބަބުން ސީޕްލޭން އޮޕަރޭޝަނުގެ ތެރޭގައި އަމާންކަން ގެއްލިފައި ވާ ކަމަށް ވެސް ސިޓީގައިވެ އެވެ.