ކޮވިޑް-19ގައި އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 64 އަށް އަރައިފިއެވެ.

އެޗްޕީއޭން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 78 އަހަރު މީހަކު މިއަދު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ މިއަދު ހަވީރު 06:09 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އިއްޔެވެސް ކޮވިޑް ބަލީގައި ރާއްޖެއިން މީހަކު ވަނީ މަރުވެފައެވެ. މިއީ މި މަހު މި ބަލީގައި މަރުވި 2 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 64 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 57 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން ވެސް ވަނީ 2 މީހަކު މަރުވެފައެވެ. އެއީ އުމުރުން 93 އަހަރުގެ މީހަކާއި އޭނާގެ އަންހެނުންނެވެ. އޭނާގެ އަންހެނުންނަ ނަކީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.

ކޮވިޑް ޖެހިގެން މަރުވި 64 މީހުންގެ އިތުރުން 7 މީހަކު މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ގޮތުގައި އެޗްޕީއޭއިން ވަނީ ނިންމާފައެވެ.