މާލެ ސަރަހައްދުން ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހި މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 136 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 124 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 10 މީހަކާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ 2 މީހެކެވެ. އަދި މިއަދު 125 މީހަކު ބަލިން ރަނގަޅުވެފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 20،280

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު: 17،595

ކޮވިޑް އެކްޓިވް ކޭސް: 2615

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 187

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 63

މޮނިޓަރިންގެ ހާލަތުގައި ހުރި ތަންތަން:

ގއ. ދެއްވަދޫ ހއ. ބާރަށް، ޏ. ފުވައްމުލައް، ސ. ހުޅުދޫ އަދި މީދޫ

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު 2 މީހަކު މަރުވެފައިވާއިރު ޖެނުއަރީ މަހު ވަނީ 4 މީހަކު މަރުވެފައެވެ. އަދި މިދިޔަ މަހު މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އެހެންކަމުން މިހާރު ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 63 އެވެ. އެއީ 56 ދިވެހިންނާއި 7 ބިދޭސީންނެވެ.

މި މަހުގެ ފުތަމަ މީހާ މަރުވެފައި ވަނީ މިއަދެވެ. އެ މީހާއަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ވެފައިވާ މީހެކެވެ. އަދި އޭނާ ނިޔާވެފައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވެގެން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިހާރު ރާއްޖޭގައި އަންނަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން މިހާރު ގްރޭޑް 8 އިން ދަށުގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ހާޒިރުވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ އިރު އެ ގްރޭޑްތަކުގެ ކުދިންނަށް އަންނަނީ އޮންލައިނކޮށް ކިޔަވައިދެމުންނެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރަން ސަފު ހަދާއިރު ގައިދުރުކަން ދަމަހައްޓަން ވަނީ އަންގާފައެވެ.

މާލެ ސަރަަހައްދުގައި އަދިވެސް ކާފިއު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 11 އިން ފެށިގެން ހެނދުނު 6 އަކާ ދެމެދެވެ. އަދި މާލެ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 6 އިން ހެނދުނު 6 އާ ދެމެދެވެ.