ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީތެރިވުމަށް ބަންގްލަދޭޝްގެ 23 މެންބަރުން ހިމެނޭ މެޑިކަލް ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ އެދިވަޑައިގެންނެވުމަކަށް، "ކޯވިޑް-19 ދިފާއު" ގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް މިއަދު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހުން 11 އަށްފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޑާކާއަށް ކުރެއްވި ދަތުރުގައި، އެ ގައުމުގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވާ، ރައީސް ސޯލިހްގެ މި އެދިވަޑަގެންނެވުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން 23 މެންބަރުންގެ ޓީމެއް ފޮނުއްވުމަށް ވަނީ ހަމަޖައްސާފައި ކަމަށް ހެލްތުން ބުނެއެވެ. އެ ޓީމުގައި 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓަންޓުންނާއި، 1 އެނެސްތިޒިއޮލޮޖިސްޓް ހިމެނޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި އެ ޓީމްގެ މެންބަރުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 2 މަސް ދުވަހުގެ މުއްދަތަކަށް ހަރަކާތްތެރިވަ މުންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ބަންގްލަދޭޝް މެޑިކަލް ޓީމުގެ މި ދަތުރުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގައި ހުރި ދަތިތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި ދިވެހިންނާއި އެހެނިހެން ގައުމުތަކުގެ މީހުން ހިމެނޭ ގޮތަށް ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށް ދިނުމަށް ރައީސް ސޯލިހް ނިންމަވާފައިވާ ނިންމެވުން ތަންފީޒު ކުރުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖެއިން ދަނީ ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު، ނިސްބަތުން ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 123،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައެވެ. ދިވެހިރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބިދޭސީންނަށް ވެކްސިން ދިނުމުގެ ދޭން ފަށާފައި ވަނީމިދިޔަ މަހުގެ 24 ގައެވެ.