މިއަދު މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާ މަރުވީ ކޮވިޑްގައި ކަމަށް ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 5:30ގައި 67 އަހަރުގެ ފިރިހެނަކު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި ގެންދިޔައިރު ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި، އޭނާ މަރުވެފައި ވާކަން މިއަދު ހެނދުނު 6:00ގައި ނިންމާފައި ވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އޭނާ ކޮވިޑަށް ޓެސްޓު ކުރިއިރު ޕޮޒިޓިވް ވެފައިވާތީ، އޭނާ އަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 63 ވަނަ މީހާ ކަމަށް ވަނީ ނިންމާފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ އާއިލާ މީހަކު ބުނީ މިއަދު ފަތިހުގެ ވަގުތެއްގައި އުމުރުން 67 އަހަރުގެ އަބްދުލްލަތީފް ހަސަން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ސިފައިން ގެއަށް ހިދުމަތް ކުރި އަބްދުލްލަތީފް މަރުވެފައި އޮތް ކަން އެނގުނީ ފަތިސް ނަމާދަށް ދާން ގޮވުމުން ނުހޭލުމުން ކަމަށް އާއިލާއިން ބުނެއެވެ.

އާއިލާއިން ބުނީ އޭނާ ހޮސްޕީޓާލަށް ގެންގޮސް ކޮވިޑަށް ޓެސްޓު ކުރި އިރު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ، އެހެންކަމުން އޭނާގެ ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. މިހާރު އަބްދުލްލަތީފްގެ ހަށިގަނޑު ވަނީ ހުޅުމާލެ ސަހަރާއަށް ވަޅުލުމަށް ގެންގޮސްފައެވެ.