ރިސޯޓުތަކުން މޫދަށް އަޅާ ކުނި ހުއްޓުވޭނީ ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްގެން ކަމަށް އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ހުސެއިން މިހެން ވިދާޅުވީ، މިއަދު މަޖިލީހަށް އޭނާ ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެ ގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑަށް ކުނި އެޅަމުންދާ މައްސަލައަށް އެކަށީގެންވާ ހައްލެެއް ލިބިވަޑައިގެންފި ތޯ އައްސަވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑަށް ކުނި އެޅުމުގެ މައްސަލައަކީ ތިމާވެށީގެ ނަޒަރުން ބަލާނަމަ ބޮޑު މައްސަލައެއް ކަމަށެވެ. މިހާރު ހެދިފައި ހުރި ޓޫރިޒަމާ ބެހޭ ބައެއް ގަވާއިދުތަކުގައި ވަކި ބާވަތެއްގެ ކުނި ކަނޑަށް އެޅުމަށް ހުރަހެއް ނާޅާ ކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ. އެހެންކމުން ބައެއް ރިސޯޓުތަކުން ކަނޑުގެ ސަރަހައްދަށް ކުނި އަޅާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އަދި އެފަދަ ކުނިތައް ރަށްރަށަށް ލައްވާކަން ވެސް އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައިގައި މަޓީއާ އެކުވެސް މިދަނި ވާހަކަ ދެކެވެމުން. އަޅުގަނޑުމެން އެދެނީ އެދެވޭ ހައްލެއް މި މައްސަލައަށް އަވަހަށް ލިބުން"
ޑރ. ހުސައިން ރަޝީދު ހަސަން

މިކަން އިސްލާހު ކުރުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާއި މަޓީއާ އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އުންމީދު ކުރައްވަނީ ޓޫރިޒަމް މިނިސްޓްރީން ހަދާފައިވާ ގަވާއިދަށް އިސްލާހު ގެނެސް ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑަށް ކުނި އެޅުމުގެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.

ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލައަށް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މި އަހަރު ޖެނުއަރީ މަހު ބޭއްވި ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެފައި ވަނީ ރިސޯޓްތަކުން މޫދަށް ކުނި އަޅާކަމުގެ ޝަކުވާ އީޕީއޭއަށް ކޮންމެ ދުވަހަކު ވެސްް ލިބޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ރިސޯޓްތަކުގެ ރެސްޓޯރެންޓްތަކާއި ބަދިގެތަކުން ދުވަހުން ދުވަހަށް އުފެދޭ ކާބޯތަކެތީގެ ،ކުނި މޫދަށް އެޅުމަކީ ޓޫރިޒަމް މިނިސްޓްރީން 2006 ގައި ހެދި ގަވައިދަކުން ބާރު ލިބިގެން ކުރާ ކަމެކެވެ. އެކަން ހުއްދަ ކޮށްފައި އޮތީ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގަވައިދު"ގެ ނަމުގައި އޮންނަ ގަވައިދަކުންނެވެ.

އެ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް 2019 އިން ފެށިގެން ކުރަމުން އަންނަ ކަމަށް އެންވާރަމަންޓަ މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.