ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތް މިރޭ ލޯންޗްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ހަރަކާތަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އެކުވެގެން ހިންގާ އިސްލާހީ ހަރަކާތެކެވެ. މި ހަރަކާތް މިރޭ 9:00 ގައި ލޯންޗުކުރަން ހަމަޖެހިފައި ވަނީ ސަންގު ޓީވީގައެވެ.
މި ސަރުކާރުގެ ކަންކަން ރަނގަޅު ކުރުމަށް މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި އުމަރުގެ އިތުރުން އެމްއެންޑީއެފްގައި ކުރިން އުޅުއްވި ކެޕްޓަން އަލީ އިހްސާނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މާޒް ސަލީމާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަހްމަދު ފަޔާޒާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ހިމެނިވަޑައިގަންނަވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހަރަކާތުގެ ބޭނުމަކީ ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ރައްޔިތުން ބާރުވެރި ކުރުވުން ކަމަށް ބުނެއެވެ. ޕްރޮމޯޓްކުރާ ސިޔާސީ ފިކުރުތަކަށް ވުރެން އާއްމުންނަށް ރަނގަޅު މަގު ދެއްކުމާ އެކު ރަނގަޅު ޖީލެއް ބިނާކުރަން މަސައްކަތް ކުރުން ހަރަކާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ހަރަކާތް ލޯންޗުކުރަން ކުޑަތަން ވެފައިވާއިރު މީގެ ކުރިންވެސް އަބްދުﷲ ރިޔާޒާއި ކާނަލް ނާޒިމް އިސްނަންގަވައިގެން އިދިކޮޅު ސީޔާސީ ބޭފުޅުންތަކެއް އެކުވެގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމާ ގުޅިގެން އޭރު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވެފައި ވަނީ ސަރުކާރުން ބޭރުގައި އޭރު ތިއްބެވި ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުތައް އެކުވެގެން ދަނީ ވަރުގަދަ އިދިކޮޅެއް އުފެއްދުމަށް މަޝްވަރާ ކުރައްވަމުން ކަމަށެވެ. އަދި ރިޔާޒާއި ނާޒިމް ގުޅިގެން ޕާޓީއެއް ހައްދަވާ ކަމަށް އެ ދައްކާ ވާހަކަތަކަކީ ދޮގު ވާހަކައެއް ކަމަށެވެ. އެއީ އެ ދެބޭފުޅުން ކުރައްވާ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އެކުވެގެން ކުރައްވަން އުޅުއްވާ ކަމެއް ކަމަށް އުމަރު އޭރު ވިދާޅުވެފައި ވެއެވެ.
އޭރުވެސް އެ ހަރަކާތް ކުރިއަށް ގެންދަވަން މަޝްވަރާ ކުރެވޭ ކަމަށް ވިދާޅުވި ނަމަވެސް ސީދާ އެ ހަރަކާތުގައި ބައިވެރިވާ ސިޔާސީ ބޭފުޅުންގެ ނަންތައް އުމަރު ހާމައެއް ނުކުރައްވައެވެ. ނަމަވެސް އުމަރު ވަނީ، މި ސަރުކާރު ބޭނުންހާ ގޮތަކަށް ކަންކަން ކުރާތަން ބައްލަވަން ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާއަކީ އޮޕޮޒިޝަންގައި ހުންނަވައިގެން ލީޑްކުރެއްވި ފަރާތެއް ކަމަށާއި 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދު އޭރުގެ ސަރުކާރު ކޮށިއަރާ ވަރު ކުރެއްވި ކަމަށާއި އަދިވެސް އެވަރު ކުރައްވާނެ ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.
އުމަރު ލީޑްކުރެއްވި ދުވަސްވަރަކީވެސް އެމްޑީޕީގެ ސަރުކާރު ވެރިކަން ކުރަމުން ދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު އޮޕޮޒިޝަނުން ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ވަރުގަދަ މުޒާހަރާއެއް ވަނީ ކޮށްފައެވެ. އަދި ފެބްރިއަރީ 7 ވަނަ ދުވަހު އޭރުގެ ވެރިކަމުގައި ހުންނެވި ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ. އެ ދުވަސްވަރު އޮޕޮޒިޝަންގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި އުމަރު ހިމެނިވަޑައިގަންނަވައެވެ.