މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި 61 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 11 މީހުންގެ ތެރެއިން 5 މީހެއްގެ ބަލި ހާލަތު ހާމަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އެމީހުންގެ ބޭސްފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ބުނެފިއެވެ.

ބަލި ހާލަތު ހާމަ ކޮށްފައި ވަނީ ހުސައިން ސުނާޒް، މުހައްމަދު މާއިދު، މުހައްމަދު ރިޝްވާން އިބްރާހިމް، އަހުމަދު ޝިފާޒް އަދި މުހައްމަދު ނަޝީދު އެވެ. އެމީހުން މި ވާހަކަ ތައް ހިއްސާކޮށްފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. މިއަދު 9 މީހެއްގެ ޝަރީއަތް ކުރިއަށް ގެންދިޔައިރު އޭގެތެރެއިން ވަނީ އެމީހުންގެ ހުރި ސިއްހީ މައްސަލަތައް ޝަރީއަތުގައި ހިއްސާ ކޮށްފައެވެ.

ހުސައިން ސުނާޒް:

އޭނާގެ ލޮލުގެ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އަދިވެސް ލޮލުގެ ޑޮކްޓަރަކަށް ދައްކާދީފައި ނުވާ ކަމަށް އޭނާ ބުނެއެވެ. އޭނާގެ ހިރުގަނޑާއި އަނގައި ލޭ އަންނަ ކަމަށް ވެސް އޭނާ ބުނެއެވެ. އަދި ހަންގަނޑުގައި ވެސް އެއްޗެހިތަކެއް ނަގާފައި ވާތީ އެދެވޭ ފަރުވާ ނުލިބޭ ކަމަށް އޭނާ ބުނެއެވެ.

މުހައްމަދު މާއިދު:

އޭނާ ބުނީ ހައްޔަރު ކުރި ދުވަހު ފުލުހުން އަމަލު ކުރި ގޮތުން އޭނާއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެ ފަހުން ފާހާނާއަށް ވެއްޓި އަތް ބިނދުނު ކަމަށާއި ޑޮކްޓަރަށް ދެއްކުމުން ޕްލާސްޓަރު އަޅަން ބުނި ނަމަވެސް އެކަން ނުކޮށްދޭ ކަމަށާއި އޭނާގެ މައިބަނދައިގައި މައްސަލަތަކެއް ހުރި ކަމަށް ވެސް އޭނާ ބުނެއެވެ. އެހެން ނަމަވެސް މެޑިކަލް ރިޕޯޓުތަކަށް ރިއާޔަތްކޮށް ދައުލަތުން ބުނީ އެފަދައިން ޑޮކްޓަރުން އެދިފައި ނުވާ ކަމަށެވެ. މީގެ އިތުރުން މާއިދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމާއި ޑައިމޯފިން ބޭނުން ކުރި ދައުވާއަށް އިންކާރުކޮށްފައެވެ.

މުހައްމަދު ރިޝްވާން:

އޭނާ ބުނީ އޭނާ އަކީ ސައިނަސް ހުންނަ މީހެއް ކަމަށާއި ނޭވަޔަށް އުނދަގޫވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ މައިބަނދައިގެ މައްސަލަ ހުންނަ ކަމަށް ބުނެފަ އެވެ. ޑޮކްޓަރަށް ދެއްކުމުން ފިޒިއޮތެރަޕީ ހަދަން އެދުނު ނަމަވެސް އެކަން ނުކޮށްދޭ ކަމަށް އޭނާ ބުނެއެވެ. އެކަމާ ގުޅިގެން އެތައް ޝަކުވާ ފޯމެއް ހުށަހެޅި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މުހައްމަދު ޝާމިން:

މީނާ ވަނީ އޭނާއަށް އެދެވޭ ފަރުވާ ނުލިބޭތީ ބަންދުން ދޫކޮށްލާފައެވެ. އަދި އޭނާ ބަންދުން ދޫކޮށްލާފައި ވާއިރު، ދެ ގަޑިއިރަށް ގެއިން ނިކުމެވޭ އަމުރެއް ނެރުމަށް މިއަދު ދައުލަތުން ވަނީ އެދިފައެވެ. އެކަން ލިޔުމުން ހުށަހެޅުމަށް ގާޒީ އެދިފައި ވެއެވެ. އަދި މިއަދުގެ އަޑުއެހުމުގައި ޝާމިން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ.

މުހައްމަދު ނަޝީދު:

އޭނާ އަކީ މާފުށީ ޖަލުގައި ބަންދުގައި ހުރި މީހެކެވެ. އޭނާ ބުނީ ބޮލުގެ އެއްފަޅި އައްސިވާ ކަމަށާއި ކަންފަތުގައި ލޯވަޅެއް ހެދި ކަންފަތުން ލޭ އަންނަ ކަމަށެވެ. ޑޮކްޓަރަށް ދެއްކި ނަމަވެސް އެދެވިގެންވާ ފަރުވާ ނުލިބޭ ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމާއި ބޭނުން ކުރުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

ހަމައެއާއެކު މިމައްސަލައިގައި އަހުމަދު ޝިފާޒުގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމާއި ޑައިމޯފިން ޓްރެފިކް ކުރަން އުޅަނދު ކުއްޔަށް ދިނުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. މީގެ އިތުރުން މި މައްސަލައިގައި މުހައްމަދު މާއިޝް އަދި ސައުދުﷲ ރަޝީދު ބުނީ ވަކީލަކު ބޭނުން ނުވާ ކަމަށެވެ.

ކޯޓު ހިންގުމުގެ ވަގުތު ހަމަވެފައި ވާތީ މި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަހުމަދު ވިސާމާއި މުހައްމަދު ހަމީދުގެ އަޑުއެހުން ވަނީ އެހެން ދުވަހަކަށް ތާވަލު ކޮށްފައެވެ. މިއަދުގެ ޝަރީއަތުގައި ނުވަ މީހުންގެ ބަންދަށް އިތުރު ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ގާޒީ ވަނީ ނިންމާފައެވެ. މި އެންމެންނަކީ ވެސް ކުށުގެ ރިކޯޑު އޮތް މީހުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ފޭރުމާއި، ހެކި ނައްތާލަން އުޅުމާއި، ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ހިމެނެއެވެ.

61 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން އޮޕަރޭޝަންގައި 61 ކިލޯއަށް ވުރެ ގިނަ ޑައިމޯފިން (ހެރޮއިން) އާއި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.