އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރާގު ހުރީ އޭޕްރީލް 10ގައި އިންތިހާބު ބޭއްވުމާ ދެކޮޅަށެވެ. އީސީން މިއަދު ވަނީ އިންތިހާބު ނުބޭއްވޭނެ ގިނަ ސަބަބުތަކެއް ވެސް މަޖިލީހުގެ ކޮމިޓީގައި ދައްކާފައެވެ.
އީސީން މިހެން ބުނެފައި ވަނީ އިންތިހާބަށް ކުރިން ކަނޑައެޅި ބަޖެޓު ކުޑަވެގެން އިތުރަށް ފައިސާ ހޯދުމަށް މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން، އީސީއާ ބައްދަލު ކުރުމުންނެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުގައި އިންތިހާބު ބާއްވާނަމަ އިންތިހާބަށް ގިނަ އަދަދަކަށް ހަރަދު ކުރުމުގެ އިތުރުން ގިނަ ވަގުތު ވެސް ހޭދަ ވާނެ ކަމަށެވެ.
އެގޮތުން އޭނާ ވަނީ، އީސީން ބޭއްވި ޑަމީ އިންތިހާބުގައި ކަންތައް ހިނގައި ދިޔަ ގޮތުގެ މިސާލު ދައްކާ، އެންމެ އާދައިގެ ފޮއްޓެއް ގުނަން ވެސް ބާރަ ގަޑިއިރު ނެގި ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ކޮވިޑް ބަލިމަޑު ކަމުގައި ރަށްރަށަށް ދަތުރު ނުކުރެވޭތީ، އޮންލައިންކޮށް އޮފިޝަލުން ތަމްރީނު ކުރަން ހަދައިގެން ގޯސްތަކެއް ހެދޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ބަލިމަޑުކަމުގައި އިންތިހާބު ބާއްވަން ހަދައިގެން ނާކާމިޔާބު ވާނެ ކަމަށެވެ. އަދި އެކަމާމެދު އީސީގެ ހުރިހާ މެންބަރުން ވެސް އިއްތިފާގު ވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން މިއަދު އީސީން ވަނީ މަޖިލީހުގެ ދެކޮމިޓީއެއްގައި ވާހަކަ ދައްކަވާފައެވެ. މާލިއްތު ކޮމިޓީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ. އެގޮތިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ސުޕްރީމް ކޯޓުން ކަނޑައެޅި ގައިޑްލައިނާހުރެ، ލޯކަލް ކައުންސިލް އިންތިހާބުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތި ވެފައި ވާ ކަމަށެވެ. އެހެންކަމުން އެ ގައިޑްލައިން ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައި ވާއިރު، ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނުން އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތެއް ނުދެއެވެ. ގައިޑްލައިންގައި ވާ ގޮތުން ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާ ފޯމުގައި އިނގިލީގެ ނިޝާން ހުންނަން ޖެހެއެވެ.