ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު، މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ކޮންޓްރޯލް ކުރައްވަމުން ގެންދަވާ، ވަރުގަދަ ޔުނިޓެއް ރޫޅާލުމަށް، އެމެރިކާއިން ސައުދީ އަރަބިއްޔާއަށް ގޮވާލައިފިއެވެ.

މި ޔުނިޓަކީ، ސައުދީގެ ތަޖުރިޖާބާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ހަޝޯގީގެ މަރުގެ މައްސަލައާ ގުޅިގެން، އެމެރިކާގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޔުނިޓެކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު، ނެޓް ޕްރައިސް ވިދާޅުވީ، ވަރުގަދަ ޔުނިޓް ރޫޅާލުމަށާ، ނިޒާމީ އިސްލާހު ތަކެއް ގެނެސް، ސައުދީގެ އުސޫލުތަކާ ދެކޮޅު މީހުންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތަކާ ހަރަކާތްތައް މުޅިން ހުއްޓުމަކަށް ގެނައުމަށް ސައުދީ އަރަބިއްޔާއަށް، އެމެރިކާއިން ގޮވާލާފައި ވާނެ ކަމަށެވެ.

މީގެ 28 މަސް ދުވަސް ކުރިން، ހަޝޯގީ މަރާލިކަމީ، އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން ސައުދީއަށް ސާފުކޮށް އަންގާފައި ވާނެ ކަމަށްވެސް ޕްރައިސް ވިދާޅުވިއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް މަރާލާފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ/ފޮޓޯ: ގެޓީއިމޭޖަޒް

އެމްބީއެސް ކޮންޓްރޯލް ކުރައްވާ ރެޕިޑް އިންޓަވެންޝަން ފޯސްއާ ދެކޮޅަށް، އެމެރިކާގެ އަދުގެ ރައީސް، ޖޯ ބައިޑަންގެ ސަރުކާރުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ގައުމެއްގައި ތަންފީޒު ކުރަމުންދާ އުސޫލުތަކާ ދެކޮޅު މީހުންނަށް ފުރާއްސަރަ ކުރާ ހާރިޖީ އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބާރުދޭ އާ ސިޔާސަތުގެ ދަށުން، އެމެރިކާއިން ވަނީ ސައުދީގެ 76 އޮފިޝަލަކަށް، އެމެރިކާއަށް ނުވަދެވޭނެ ގޮތް ހަދާފައެވެ.

ސައުދީއާ ދެކޮޅަށް އެމެރިކާއިން މިފަދަ ފިޔަވަޅުތަކެއް އަޅާފައި މިވަނީ، ހަޝޯގީގެ މަރާ ގުޅިގެން އެމެރިކާއިން އެކުލަވާލި ޖާސޫސީ ރިޕޯޓް އާންމު ކުރުމަށް ފަހުގައެވެ. މި ރިޕޯޓަކީ، ހަޝޯގީގެ މަރުގެ މައްސަލައިގެ އިލްޒާމް، އެމްބީއެސްއަށް އަމާޒު ކުރާ ރިޕޯޓެކެވެ.

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، އެމެރިކާގައި ހުރެ ލިޔުންތަކެއް ޝާއިއު ކުރަމުން ދިޔަ ހަޝޯގީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު އިމާރާތަށް ވަންނަނިކޮށެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ކޮންސިއުލޭޓަށް އޭނާ ދިޔައީ، އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ހަދީޖާ ޖެންގީޒްއާ ކައިވެނި ކުރުމަށް، ހަމަޖައްސަން ޖެހޭ ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ.