މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރު ކަމާއެކު ޖަމާއަތުގައި ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދި ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ހާލަތުއިތުރަށް ގޯސްވަމުން ދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާތީ ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިހާލަތުން ލުޔެއް ލިބެންދެން ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައިނަމާދުގެ ޖަމާއަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެވަރަށް ބޮޑު ހިތްދަތިކަމަކަށްވުމާއި، މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައިގައިދުރުކަމާއި އެކު ނަމާދުގެ ޖަމާއަތް، ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާތީ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި ހާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަމާޢަތުގައި ނަމާދު ގާއިމު ކުރެވިގެންދާނެ ކަމަށާއި މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ސިޓީކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން:

  • ނަމާދުކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓްއަޅާފައި ނެތުން
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
  • ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު މިސްކިތްތަކުގައި ހަމަޖެއްސުން
  • ކޮންމެހެން ބޭނުންކުރަށް ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުން
  • އެއާކޯން ބޭނުން ކުރާނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭގޮތް ހެދުން

މިސްކިތައް ނަމާދަށްދާ ފަރާތްތަކުން ސަމާލު ވާންވީ ކަންކަން:

  • މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަންކުރުމުން ދުރުހެލިވުން
  • މިސްކިތުގައިވާ ހަތިމްތައް ބޭނުން ނުކުރުން
  • ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުންމުސައްލާއެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން
  • މާސްކު އެޅުން
  • ސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
  • މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެންފުރަމުން ގެންދިއުން
  • ނަމާދަށް ސަފުހެދުމުގައި ގައިދުރުކަން ބެހެއްޓުން އަދި ގައި ދުރު ކަމާއެކު ނަމާދު ކުރުން
  • ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާމީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން ގޭގައި ނަމާދުކުރުން

ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުންއިމާމުން ސަމާލުވާންވީ ކަންތައް:

  • ބަންގިއަށް ފަހު 15 މިނިޓު ތެރޭގައި ގަމަތް ދީ ނަމާދު ފެށުން
  • އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުން
  • ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިހާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން

މީގެ އިތުރުން މިނިސްޓްރީން ބުނީ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ފަރުޟު ނަމާދުގެ އިތުރުން ހެޔޮއަމަލުތައް ގިނަކޮށް، ފެތުރިފައިވާ ބަލިމަޑުކަމުން ﷲ ގެ އަޅުތަކުންސަލާމަތްކޮށްދެއްވުން އެދި ދުއާދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށްނަސޭހަތްތެރިވާ ކަމަށެވެ.

އަދި ހަމަ އެ ފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެންގެ ދުޢާ އިޖާބަކުރައްވައި، އެ ކަލާނގެ އޯގާވަންތަކަމާއި ދީލަތި ރަޙްމަތްފުޅުން ފެތުރެމުންދާ ބަލީގެ ނުރައްކާ ކުޑަކުރައްވައި މިސްކިތުގައި ގައިދުރުކަމާއެކުވެސް ޖަމާޢަތް ހަދައިގެން ނަމާދު ކުރުމުގެ ފުރުސަތު ފަހިވެފައިވާތީ، ﷲ އަށް ޝުކުރުކުރުން މަތީ ދެމިތިބުމަށްވެސް އެެ މިނިސްޓްރީން ވަނީ ރައްޔިތުންނަށް ވަސިއްޔަތް ކޮށްފައެވެ.