ހއ. ބާރަށުން 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ ވިދާޅުވީ އެ މީހުން ޕޮޒިޓިވް ވެފައި ވާކަން އެނގިފައި ވަނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރުމަށް ފަހު އިއްޔެ ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ.
މި ނުވަ މީހުންނަކީ އެއްކޮށް ކަރަންޓީނުގައި ތިބި މީހުން ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކް މީހަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހައިރިސްކް މީހާ ށ. އަތޮޅު ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ބާރަށުން ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ޕޮޒިޓިވް ވެފައި ވާއިރު ރާއްޖޭގައި ކޮވިޑްގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ކޮވިޑަށް ޕޮޒިޓިވް ގިނަ ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 3952 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.