އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ވިސްނުންފުޅެއް އެއްވެސް ވަރަކަށް ނުގެންގުޅުއްވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެން، ވައިޓްހައުސް ދޫކުރައްވާ ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ދެއްވި ބޮޑު ތަގުރީރެއްގައި ޓްރަމްޕް ވިދާޅުވީ، ސިޔާސީ އާ ޕާޓީއެއް އުފެއްދެވުމުގެ ފިކުރެއް ނެތް ކަމަށާ، ނަމަވެސް، ރިޕަބްލިކަން ޕާޓީ އެއްބައިވަންތަ ކުރުމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

ރިޕަބްލިކަން ޕާޓީގައި ބައިބައިވުން އުފެދިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު، ޓްރަމްޕްގެ ސަޕޯޓަރުން، ކެޕިޓޮލް ބިލްޑިންގައި ހިންގި ޖަރީމާތަކާ ގުޅިގެންނެވެ.

މި ރޫހުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވިދާޅުވީ، ރިޕަބްލިކަން ޕާޓީ އެކަތިގަނޑަކަށް ހައްދަވާ، އިހުނަށް ވުރެ ވަރުގަދަ ޕާޓީއަކަށް ހައްދަވާނެ ކަމަށެވެ.

ކޮންޒަވޭޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސް (ސީޕެކް) ގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ އާ ޕާޓީއެއް އުފައްދަވާ ކަމަށް ފެތުރިގެން އުޅެނީ އަސްލެއް ނެތް އަޑުތަކެއް ކަމަށެވެ.

މީގެ އިތުރުން، ޓްރަމްޕް ވަނީ، ނޮވެންބަރު މަހުގެ އިންތިހާބަކީ އޭނާ އަތުން "ފޭރިގަތް" އިންތިހާބެއް ކަމަށް މީގެ ކުރިން ކުރެއްވި ތުހުމަތު ތަކުރާރު ކުރައްވާފައެވެ. ނޮވެންބަރު މަހުގެ އިންތިހާބުގައި ޓްރަމްޕަށް ކުރި ލިބިވަޑައިނުގަތުމާއެކު ތަފާތު އެކި އިލްޒާމްތައް، އިންތިހާބަށް އަމާޒު ކުރެއްވިއެވެ. ނަމަވެސް، މިއިން އެއްވެސް އިލްޒާމެއް ސާބިތު ކޮށްދެއްވާފައެއް ނުވެއެވެ.

ޓްރަމްޕް ވަނީ ވެރިކަމުގެ އާ ދައުރަކަށް ކުރިމަތިލެއްވުން އެކަށީގެން ވާ ކަމަށް އަނެއްކާވެސް އިޝާރާ ކުރައްވާފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން