ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ބެޗު ރާއްޖެ ގެނެސްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ވެކްސިންގެ ދެވަނަ ޝިޕްމަންޓު ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 20ވަނަ ދުވަހު ކަމަށެވެ.
ރާއްޖެއަށް ވެކްސިންގެ ދެވަނަ ޝިޕްމަންޓެއް ވެސް ހަދިޔާ ކޮށްފައި ވަނީ އިންޑިއާ އިންނެވެ. މިފަހަރުވެސް ހަދިޔާ ކޮށްފައި ވަނީ 100،000 ޑޯޒްގެ ވެކްސިނެވެ.
މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް އެއް ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ދޭން ފަށާފައި ވާއިރު ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެކެނާގެ ކޮވިޝީލްޑް ވެކްސިން އެވެ.
ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ވަނީ ނިންމައިފައެވެ. އެއީ ސައިނޯފާމް ވެކްސިނެވެ. މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާ ކޮށްފައެވެ. ނަމަވެސް އަދި އެ ވެކްސިން ޖަހާކަށް ނުފަށައެވެ.
މިހާތަނަށް ރާއްޖޭގައި 105،492 މީހަކަށް ވެކްސިން ޖަހާފައި ވާއިރު ސަރުކާރުން ވަނީ ވެކްސިންގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ ޑޯޒްގެ ވެކްސިން ދީފައި ވާއިރު، އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ އަށް ހަފްތާ ފަހުން ކަމަށެވެ.