ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު އެއްލައްކައަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރި ވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން އިއްޔެ ވެކްސިން ޖެހީ 6073 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 3147 މީހަކާއި އަތޮޅުތަކުން ވެކްސިން ޖެހި 2926 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު: 105.492

މާލެ ސަރަހައްދު: 72،872

އަތޮޅު ތެރެއިން: 32،620

މާލޭ ސިޓީގައި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސިޓީއާ އެކު ޖުމްލަ 178 ސެންޓަރެއްގައި މިހާރު ވެކްސިން ޖެހުމުގެ ހިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. އެއީ މާލެ ސިޓީގެ 9 ސެންޓަރަކާއި އަތޮޅުތަކުގެ 169 ސެންޓަރެކެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާ ކޮށްފައި ވާ، އޮކްސްޕޯޑް-އެސްޓްރަޒެނިކާގެ ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން އިންޑިއާއިން ވަނީ ހަދިޔާ ކޮށްފައެވެ.

އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރަޒެނެކާއާ އެކު އެއްބަސްވުމެއް ވެސް ހަދާފައެވެ. އަދި އެ ވެކްސިން މި ހިނގާ ފެބްރުއަރީ މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ބުނެފައި ވީ ނަމަވެސް އެ ލިބޭނެ ތާރީހެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދިނުމަކީ ސަރުކާރުގެ އުއްމީދެކެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނު ކޮށްފައެވެ.