ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ފުވައްމުލައް ސިޓީގައި އަޅާފަައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަންމާލައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ކޮވިޑުން ރައްކާތެރި ވުމަށް އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ހަމަވާ މުއްދަތަކީ އަންނަ މަހުގެ 6 ވަނަ ދުވަހެވެ.

އެ ސިޓީގައި މިހާރު ދަނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު ހިންގަމުންނެވެ. ކާފިއު ވަގުތުގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނައެވެ.

އެޗްޕީއޭން ވަނީ އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލަން އަންގާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް އަންގާފައެވެ. މީގެ އިތުރުން އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

އެޗްޕީއޭން ވަނީ ފުވައްމުލަކު ސިޓީގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން އަންގާފައެވެ. އަދި މީގެ އިތުރުން ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކޮށް ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. އެޗްޕީއޭން ބުނެފައިވަނީ ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެ އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ފުވައްމުލަކުގައި ކޮވިޑްގެ ކޭސްތައް ފެންނަމުންދާ މިދަނޑިވަޅުގައި، އެޗްޕީއޭން ވަނީ އެރަށުގައި ހުންނަ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމަށް ވެސް އަންގާފައެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް ވެސް އެޗްޕީއޭން އަންގާފައިވާ އިރު އެޖެންސީން ބުނެފައިވަނީ މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުން ނުހިމެނޭ ކަމަށެވެ.

މިހާތަނަށް އެރަށުން 33 ކޮވިޑް ކޭސް ފެނިފައިވާ އިރު އިސްލާމިކް މިނިސްޓްރީން ވަނީ ފުވައްމުލަކުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ހުއްޓާލަން އަންގާފައެވެ.