ކޮވިޑް-19 ޖެހިގެން ރޭ 80 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

އެޗްޕީއޭން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 80 އަހަރު މީހަކު ރޭ މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ރޭ 12:22 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިއީ މި މަހު މި ބަލީގައި މަރުވި 9 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 61 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން ވެސް ވަނީ 2 މީހަކު މަރުވެފައެވެ. އެއީ އުމުރުން 93 އަހަރުގެ މީހަކާއި އޭނާގެ އަންހެނުންނެވެ. އޭނާގެ އަންހެނުންނަ ނަކީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.

ކޮވިޑް ޖެހިގެން މަރުވި 61 މީހުންގެ އިތުރުން 7 މީހަކު މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ގޮތުގައި އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ހަމައެއާއެކު މި މަހުގެ ތެރޭގައި ދުބާއީގައި ހުއްޓާ ކޮވިޑް ޖެހިގެން ދިވެއްސަކު ވެސް ވަނީ މަރުވެފައެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.