ކޮވިޑް-19އަށް ޖަހަމުން ރާއްޖޭގައި ޖަހަމުން ދާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ލައްކައަކާ ގާތްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ 7446 މީހަކު ވެކްސިން ޖަހާފައިވާ ކަމަށެވެ. އެއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 98،311 އަށް އަރާފައެވެ.

އިއްޔެ މާލެ ސިޓީން 4825 މީހަކު ވެކްސިން ޖެހުމާއެކު މާލެ ސިޓީގެ ޖުމްލަ އަދަދު ވަނީ 69،725 އަށް އަރާފައެވެ. އަތޮޅުތަކުގެ އެކި ރައްތަކުން 2721 މީހަކު ވެކްސިން ޖަހާފައި ވާއިރު އަތޮޅުތަކުން ޖެހި މީހުންގެ ޖުމްލަ އަދަދު އިއްޔެ ވަނީ 28586 އަށް އަރާފައެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސިޓީއާ އެކު ޖުމްލަ 178 ސެންޓަރެއްގައި މިހާރު ވެކްސިން ޖެހުމުގެ ހިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. އެއީ މާލެ ސިޓީގެ 9 ސެންޓަރަކާއި އަތޮޅުތަކުގެ 169 ސެންޓަރެކެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާ ކޮށްފައި ވާ، އޮކްސްޕޯޑް-އެސްޓްރަޒެނިކާގެ ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން އިންޑިއާއިން ވަނީ ހަދިޔާ ކޮށްފައެވެ.

އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރަޒެނެކާއާ އެކު އެއްބަސްވުމެއް ވެސް ހަދާފައެވެ. އަދި އެ ވެކްސިން މި ހިނގާ ފެބްރުއަރީ މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ބުނެފައި ވީ ނަމަވެސް އެ ލިބޭނެ ތާރީހެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދިނުމަކީ ސަރުކާރުގެ އުއްމީދެކެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނު ކޮށްފައެވެ.