މާލެ ލޮކްޑައުން ކުރިޔަސް މާދަން މަގުތަކަށް ނުކުންނަވާނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު ގައުމު ވިއްކާލާފައިވާ ކަމަށެވެ. އަދި ލޮކްޑައުން ކުރިނަމަވެސް މާދަމާ މާލޭގެ މަގުތަކަށް ނުކުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދައިން ވިދާޅުވެފައި ވަނީ މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ވިދާޅުވެ ފިޔަވަޅުތައް ހަރުކަށި ކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް މިއަދު އިންޒާރު ދެއްވުމާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި މާލޭގައި މިހާރު ކޮވިޑް ފެތުރިފައިވާ އޮތް މިންވަރުވެސް ނޭނގޭ ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ނަސީމް ވިދާޅުވީ މިއީ އާދައިގެ ރޯގާއެއް ކަމަށް ބުނެ ބައެއް މީހުން ވާހަކަ ފަތުރަމުން ދާ ކަމަށެވެ. އަދި ގައިދުރުކުރަން ނުޖެހޭނެ ކަމާއި މާސްކު އަޅަން ވެސް ނުޖެހޭނެ ކަމަށް ބުނެވެސް ބައެއް ދީނީ އިލްމުވެރިން ފަތުވާ ދެއްވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ. އެހެންވުމުގެ ސަބަބުން ބައެއް މިސްކިތްތަކުގައި މީހުން މާސްކު ނަގައިގެން ނަމާދުކުރާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މާލޭގެ ހާލަތު ގޯހުން ގޯހަށް ދާއިރު ސިއްހީ ދާއިރާގެ މީހުން ދައްކާ ވާހަކަ މިވަގުތު އަޑުއަހަން ޖެހިފައިވާ ކަމަށާއި އެހެން ނޫންނަމަ މާލޭގެ މިހާރުގެ ހާލަތު މި އޮތީ ލޮކްޑައުނަކަށް ގެންނަން ޖެހިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.