ކޮވިޑުން ރައްކާތެރިވުމަށް ލޮކްޑައުނަކަށް ނުގޮސް ވާނީ އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކޮށްގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް ވިދާޅުވީ، މިހާރު ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށާއި ލޮކްޑައުނަކަށް ނުގޮސް ވާނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވީ އެންމެ އަވަހަށް އިތުރަށް ވަރުގަދަ ކޮށްގެން ކަމަށެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުން (ވިޔަފާރިތަކާއި އަމިއްލަ ފަރުދުން) ވެސް އަމަލު ކޮށްގެން މެނުވީ މިކަން ހާސިލް ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މިދިޔަ އަހަރު ކޮވިޑް ކޭސްތައް މަދުވެފައި އޮތުމަށް ފަހު އަނެއްކާ ވެސް މިއަހަރު ކޭސްތައް އިތުރު ވުމާ އެކު އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ މިހާރު ރާއްޖެއަށް ކުރިމަތިވެފައި މިވަނީ މިހާތަނަށް ރާއްޖެއަށް އައި ކޮވިޑުގެ އެންމެ ބިޔަ އެންމެ ނުރައްކާތެރި ރާޅު ކަމަށެވެ. އެގޮތުން ކޮވިޑު ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުން ވެސް ގިނަވެފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ހަމައެއާއެކު މިއަދު ރައްޔިތުންގެ މަޖިލީހުގައި ޓުއާ އޮޕަރޭޓަރުންނާއި އެޖެންސީތަކުގެ ގާނޫނެއް އެކުލަވައިލުމަށް ބޭއްވި ބައްދަލުވުމުގެ ތެރޭގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިއަދު ކޭސްތައް 200 އަށް އަރާފާނެކަމަށެވެ. މިއަދު ހެނދުނު ވެސް މާލޭގެ ޕޮޒިޓިވް ކޭސްގެ އަދަދު 139 އަށް އަރާފައިވާ ކަމަށާއި މިއަދުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 200 އިން މައްޗަށް ދާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ. އަދި މާލޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި މާލޭގައި މިހާރު ކޮވިޑް ފެތުރިފައިވާ އޮތް މިންވަރު ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މިއަދު ކޮވިޑުން ރައްކާތެރިވުމަށް އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވެފައި ވާއިރު، މީގެ ކުރިން ވެސް ފައްޔާޒް ވަނީ ކޭސްތައް އިތުރުވާން ފެށުމާއެކު ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
އިއްޔެ އާ ހަމައަށް ކޮވިޑް ކޭސްތަކުގެ އަޕްޑޭތަށް ބަލާއިރު މި މަހު ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު ވަނީ 3283 އަށް އަރާފައެވެ. ޖުމްލަ ކޭސްގެ އަދަދު 19،162 އަށް އަރާފައި ވާއިރު މިހާރު ކޭސްތަކުގެ އދަދު 100 އިން ދަށަށް ނުދާތާ މަސް ދުވަސް ވެއްޖެއެވެ. މި މަހު އެކަނިވެސް ކޮވިޑް ބަލީގައި ވަނީ 9 މީހަކު މަރުވެފައެވެ. މިހާރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 60 އެވެ.