ބަތްތެލީގެ ފޫކަހާ އަޑު އިވިގެން އަވައްޓެރިޔާ ކާއެއްޗެއް ހިފައިގެން އަންނަ ވާހަކަ ތިޔަ ކިއުންތެރިންނަށް ވެސް އޮންނާނީ އިވިފައެވެ.

އެއީ ކާނެ އެއްޗެއް ހޯދޭހާ ފުދުންތެރިކަން ނެތް މީހަކު ރޭގަނޑު ބަނޑުހައި ވެގެން ބަތްތެލީގެ ފުލުގައި ތަތްވެފައި ހުރި ބަތްކޮޅު ކަހާ އަޑު އިވިގެން އަވައްޓެރިޔާ ކާނެ އެއްޗެއް ގެނެސްދޭ ވާހަކައެވެ. ރަނގަޅު އަވައްޓެރިންގެ މިސާލު ދައްކުވައިދޭ ހަރު ބަހެކެވެ. މިއަދު މި ހަރުބަސް ބޭނުން ކުރަން މި ޖެހުނީ، ރާއްޖޭގެ "އެންމެ ގާތް އަވަށްޓެރިޔާ" ކަމަށް ބުނާ އިންޑިއާ އާ ގުޅުވައިގެންނެވެ.

އެ ގައުމަކަށް ސަނާ ކިޔާ އިންޑިއާއަށް ބޭސްފަރުވާއަށް ދާން ދިވެހިން ސަލާން ޖަހަން ޖެހޭ ވާހަކައެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ބޭރުގައި ރޭގަނޑު ހަތަރުދަމު ކިއު ދަމާލާފައި ތިބެން ޖެހުމަކީ ހަމަ ސަލާން ޖެހުން ނޫން ކަމަކަށް ނުވާނެއެވެ. ދުވާލަކަށް ދޫކުރާ 50 ޓޯކަން ގައި ލައްވާލާތޯ މާލޭގައި ކޮވިޑްގެ ބަލިމަޑުކަން އިންތިހާއަށް ގޮސްފައިވާ މިދަނޑުވަޅުގައިވެސް ދިވެހިން ރޭގަނޑުގެ ނިދި ނަގާލާ ހައިކޮމިޝަނު ބުޑުގައި އެތިބެނީ އިންޑިއާއަށް ޗުއްޓީއަށް ނުވަތަ ވިޔަފާރި ދަތުރު ކުރާކަށް ނޫނެވެ. ބޭސްފަރުވާ އަށް ދާން ވިސާ ހޯދުމަށެވެ.

ހެނދުނު 8 ޖަހާއިރު ހައިކޮމިޝަނު ހުޅުވާއިރު، ކިއު ހަދަން ފަށަނީ ރޭގަނޑު އިރާކޮޅެވެ. ބައެއް ދުވަހު ރޭގަނޑު 9 ޖަހާއިރު ކިއު ހަދަން ފަށައެވެ. 9 އަކުން ފަށައިގެން އަނެއް ދުވަހު 8 ޖަހަންދެން ކިއުގައި ތިބުމަށްފަހު ޓޯކަން ނަންބަރު ލިބުމުން ގޮސް ހައިކޮމިޝަން ތެރޭގައި އެތައް އިރެއް ވަންދެން ތިބެން ޖެހެއެވެ. މިހެން ތިބެން ޖެހުމުން ކިއުގައި ތިބޭ މީހުންގެ ހިތުގެ ޝަކުވާތައް އިންތިހާއެވެ.

މިކަން ކުރެވޭނެ މިހާ ފަސޭހަ ގޮތެއް އޮންނަން ވާނެ. މިއީ ހަމަ ބޭސްފަރުވާއަށް ސަލާން ޖެހުން
ކިއުގައި ހުރި މީހެއް

ވިސާ ހޯދުމަށް ކިއުގައި ހުރި މީހަކު ބުނީ، އޭނާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކު ކަމަށާއި، ކޮންމެ ތިން މަހަކުން އިންޑިއާއަށް ދާން ޖެހޭ ކަމަށެވެ. އަދި ވިސާ ހޯދުމަށް ކޮންމެ ފަހަރަކު ވެސް ރޭގަނޑު ހަތަރުދަމު ކިއުގައި ހުންނަން ޖެހޭ ކަމަށް އޭނާ ބުނެއެވެ.

އިންޑިއާއަށް ދާން މެޑިކަލް ވިސާ ހޯދުމަށް ކިއު ހަދައިގެން ތިބި ދިވެހިން

ވިސާ ހޯދުމަށް ހައި ކޮމިޝަން ކައިރީ ކިއު ހަދައިގެން ތިބޭއިރު، ވިސާއަށް އެދި އޮންލައިން ކޮށް ވެސް ހުށަހެޅެއެވެ. ނަމަވެސް އޮންލައިންކޮށް އެޕްލައި ކުރުމަށްފަހު ލިޔެކިއުންތަކުގެ އަސްލު ދައްކާ، އެޕްލިކޭޝަން ކޮންފާމް ކުރުމަށް އެތަނަށް ދާން ޖެހެއެވެ.

ލިޔެކިއުންތަކުގެ އަސްލު ހުށަހަޅަން ވެސް މިނޫން ގޮތްތައް އެބަ ހުރި، ސްކޭންކޮށްގެން ރާއްޖޭގެ އިދާރާތަކުން ވެސް ބަލައިގަނޭ. ދެން މިތަނުން ބަލައި ނުގަންނަން ވީ ކީއްވެ؟
ކިއުގައި ހުރި މީހެއް

ކިތަންމެ އަވަހަށް އެމަޖެންސީގައި ދާން ޖެހޭ މީހާއަށް ވެސް އޮތީ މިގޮތެވެ. ދުވާލަކު ދޫކުރާ 50 ޓޯކަން ނަންބަރުގެ އިތުރުން 9:30 ގައި އެމަޖެންސީ އެޕްލިކޭޝަންތައް ބަލައިގަނެއެވެ. ކިތަންމެ އެމަޖެންސީގައި ދާން ވިޔަސް އެތައް އިރަކު އެތަނުގައި މަޑު ކުރަން ޖެހެއެވެ. ވިސާއަށް އެދި ހުށަހަޅާ ފަރާތް ނޫން އެހެން މީހަކު އެތާ ތެރެއަށް ވަނދެގެން އުޅޭކަން އެނގިއްޖެ ނަމަ ބޭރު ކުރަން ވެސް ކުރެއެވެ.

ސިފަ ވަނީ ހަމަ ކުޑަ އިންޑިއާއެކެވެ. ހައި ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ކުރަން ޖެހެނީ އިންޑިއާގައި ކަން ހިނގާ އުސޫލުންނެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި އޮންލައިން އެޕްލިކޭޝަން ބަލައިނުގަންނަ އިރު، ރޭގަނޑު ހަތަރު ދަމު ކިއު ހަދައިގެން ތިބުން ނޫން ގޮތެއް ދިވެހިންނަށް ނެތް ކަހަލަ އެވެ. ޓޯކެން ވެސް އޮންލައިންކޮށް ދޫކޮށް، ލުއި ފަސޭހަ ގޮތަލަށް މިކަން ނުކުރެވޭނެތޯ އެއީ ގިނަ ބަޔަކު އަހަމުންދާ ސުވާލެކެވެ.

ރޭގަނޑު ހަތަރު ދަމު ކިއުގައި ތިބެން ޖެހެނީ ކުރާނެ ވެދުމެއް ނެތުމުން؟

އިންޑިއާ ހައި ކޮމިޝަނަށް މެޑިކަލް ވިސާ ހޯދަން ދިޔަ މީހަކު މައުލޫމާތު ދިން ގޮތުގައި ވިސާ ހޯދުމަށް އޭނާ 9 ގަޑިއިރަށްވުރެ ގިނަ އިރު ވަންދެން ކިއުގައި ހުއްޓެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ބަލި މީހާ އެކަނި ބާއްވާފައި ވިސާ ލިބޭތޯ އެތައް އިރަކު ހައި ކޮމިޝަން ތެރޭގައި ހުންނަން ޖެހުނެވެ. އެތައް އިރަކު އިންތިޒާރުގައި ހުރުމަށްފަހު ވެސް އޭނާގެ ކުރިން ޖާގަ ދިނީ، އެތަނަށް ދިޔަ "ބޮޑު" މީހަކަށެވެ. އެ ބޮޑު މީހަކީ ސިޔާސީ ގޮތުން ގުޅުން އޮތް މީހެއް ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

ހައި ކޮމިޝަނުގެ އެތެރެއަށް ވަދެ ކައުންޓަރު ކައިރިއަށް ހުއްޓި، އެތާ އެތެރޭގެ ހުރި މީހަކަށް އަތުން ހަނާ އެޅުމަށްފަހު ނިތް އަރުވާލާ، ވިސާއަށް ބޭނުންވާ އިނގިލީގެ ނިޝާން ދީފައި އޭނާ ނިކުމެގެން ދިޔައީއެވެ. މިއީ ހަމަ އިންސާފުވެރި ގޮތްތޯ އެތާ ހުރި ކޮންމެ މީހަކު ވެސް ހިތަށް އަރާނެއެވެ. 9 ގަޑިއިރު ކިއުގައި ހުރި މީހާ ބުނާ ގޮތުގައި އޭނާ އެހާއިރު ކިއުގައި ހުންނަން ޖެހުނީ އޭނާ ކުރާނެ ވެދުމެއް، ކިޔާނެ ސަނައެއް ނެތީމައެވެ.

ހައި ކޮމިޝަން ކައިރީ ކިއުގައި ތިބެން ޖެހޭ މައްސަލަ ހޫނުވުމުން އެތަނުން މިއަދު ބަޔާނެއް ނެރުނެވެ. އިންޑިއާގެ ބޯޑަރު ބަންދު ކުރިފަހުން ޖޫން 2020 އިން ފަށައިގެން މިހާތަނަށް ރާއްޖޭގެ 5000 މީހުންނަށް ވިސާ ދިން ކަމަށް ބުނެއެވެ. އަދި ވިސާއަށް އެދި ފޯމު ހުށަހަޅާ ޓޯކަން ސިސްޓަމްގެ ސަބަބުން ދިމާވެފައިވާ ދަތިތައް ފާހަގަ ވެފައިވާ ކަމަށާއި ދެތިން ދުވަސް ތެރޭ ހައްލު ކޮށްދޭނެ ކަމަށް ބުނެއެވެ.

ފޮރިން މިނިސްޓްރީން ދިނީ އަދި މާ ކުރު ޖަވާބެކެވެ. "ތި މައްސަލާގައި މިދަނީ އިންޑިއާ ހައިކޮމިޝަނާ މަޝްވަރާ ކުރަމުން" މިއެވެ. ހައި ކޮމިޝަން ކައިރީ ކިއު ހަދާތާ އެތަށް ޒަމާނެއް ވެ، އެ މައްސަލަަ ދޭތެރެ ދޭތެރެއިން ހޫނު ވާއިރު ވެސް ފޮރިން މިނިސްޓްރީން ބުނެވުނީ މަޝްވަރާ ކުރަމުންދާ ވާހަކަ އެކަންޏެވެ. ޒަމާން ވީ ބޮޑު މައްސަލައެއް ހައްލުކޮށް ދިވެހިންނަށް ފަސޭހަ ނުކޮށް ދެވުނުއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިރުއިރުކޮޅާ ޕޯޑިއަމްގައި އަރާވަޑައިގެން އިންޑިއާއަކީ އެންމެ ގާތް ރަހްމަތްތެރިޔާ ކަމަށް ވިދާޅުވުމަކީ މިއަދު ދިވެހިންނަށް ޖަހާ ޖޯކެކެވެ.

ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ހައި ކޮމިޝަން ދޮށުގައި ސަލާން ޖަހާ ދިވެހިން މިއަދު ބުނަން އޮތީ މިހެންނެވެ.

ބަތްތެލީގެ ފޫކަހާ އަޑު އެންމެ ގާތް އަވައްޓެރިޔާ އަށް ހަމަ ނީވެނީއެވެ.