މި ސަރުކާރުގެ ހައުސިން ސިޔާސަތުގައިވާ ޕްލޭންތައް މިއަދު ހިއްސާ ކޮށްފިއެވެ.

އެކި ފަންތީގެ އާއިލާތަކަށް ކަނޑައަޅާފައިވާ ތަފާތު ޕްލޭންތައް މިއަދު ހިއްސާ ކުރައްވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ވިދާޅުވީ އާއިލާތަކުގެ އިންކަމް ޑިސްޓްރިބިއުޝަން ހުރިގޮތް ބެލިއިރު، ބޯހިޔާވަހި ކަމަށް ބޭނުންވާ ކަމަށް އަންދާޒާ ކުރެވޭ 17073 އާއިލާގެ ތެރެއިން 2561 އާއިލާއަކީ ފަގީރު އާއިލާތައް ކަމަށެވެ. އަދި 4098 އާއިލާއަކީ ލޯވާ މިޑިލް އިންކަމް އާއިލާ ކަމަށާއި، 5634 އާއިލާއަކީ މެދު ފަންތީގެ އާއިލާތަކަށް ވީއިރު، މުއްސަނދި އާއިލާގެ ގޮތުގައި ތިބީ 4780 އާއިލާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުތަމައު ބެހިގެން ވާ ކެޓަގަރީތައް:

  • ފަގީރު ނިކަމެތި އާއިލާތައް: އާއިލާގެ ބޮޑުމިނުގައި 5-6 ދެމެދުގެ މީހުންގެ އާއިލާއެއްގައި މަހަކު 16،000 ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ އާއިލާތައް
  • ލޯވާ މިޑިލް އިންކަމް އާއިލާތައް: މަހަކު 16،000 ރުފިޔާއާއި 32،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ އާއިލާތައް
  • މެދު ފަންތީގެ އާއިލާތައް: މަހަކު 32،000 ރުފިޔާއާއި 64،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ އާއިލާތައް
  • މުއްސަނދި އާއިލާތައް: މަހަކު 64،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ އާއިލާތައް މިއެވެ.

އަސްލަމް ވިދާޅުވީ އެންމެ ނިކަމެތި އާއިލާތަކަށް ސަރުކާރުން ތައާރަފް ކުރަނީ ކައުންސިލް ހައުސިން ކަމަށެވެ. އެއީ ކައުންސިލުގެ މުދަލުގެ ގޮތުގައި ހުންނާނެ ޔުނިޓުތަކެއް ކަމަށެވެ. މިފަދަ ހައުސިން ދެނީ ދިގު މުއްދަތަކަށް މަހުން މަހަށް ކުލި ދައްކައިގެން ވެސް ފްލެޓަށް ލާރި ދައްކާ ނިންމޭ ވަރަށް އާމްދަނީ ނުލިބޭ އާއިލާތަކަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ ލޯވާ މިޑިލް އިންކަމް އާއިލާތަކަށް ސަރުކާރުން ތައާރަފް ކުރަނީ އެފޯޑަބަލް ހައުސިން ކަމަށެވެ. އެއީ މަހުން މަހަށް ލާރި ދައްކާ، ދިގު މުއްދަތެއްގައި ތަން މިލްކު ކުރެވޭނެ ފަދަ އާމްދަނީ އެއް ލިބޭ މީހުންނަށް އަޅައިދޭ ހައުސިން ޔުނިޓްތަކެވެ. މިފަދަ ހައުސިން ދެނީ ބޭންކަކަށް ގޮސްގެން ލޯނެއް ލިބޭނެ ފަދަ ގާބިލުކަން ނެތް އާއިލާތަކަށެވެ.

މެދު ފަންތީގެ އާއިލާތަކައް ތައާރަފް ކުރަނީ މިޑިލް އިންކަން ހައުސިން އެވެ. އެއީ މި ކެޓެގަރީއަކީ ބޭންކަކަށް ގޮސްގެން ލޯނެއް ލިބޭނެ ފަދަ ގާބިލުކަން ހުރި އާއިލާތައް ކަމުންނެވެ. އެމީހުންނަށް ލޯނާއެކު ހައުސިން ދޭއިރު، ވަގުތުން ތަން މިލްކު ކުރެވޭނެއެވެ.

މުއްސަނދި އާއިލާތަކަށް އޮތީ ހައި އެންޑް ހައުސިންއެވެ. އެ ހައުސިން ޔުނިޓުތައް ވިއްކާނީ މާކެޓުގައި ހުރި ވަރަކަށެވެ.