އައްޑޫ ސިޓީ ހުޅުމީދޫގައި އިއުލާން ކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރު ހަތް ދުވަހަށް ދަންމާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް ހުޅުމީދޫގައި ހާއްސަ ފިޔަވަޅުތަކަށް އަޅަން ނިންމާފައިވާ ކަމަށެވެ.

ހުޅުމީދޫގައި އަޅާފައިވާ ފިޔަވަޅުތައް:

  • ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވުން
  • ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވުން
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާ
  • ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން
  • ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން (މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނެ)

އައްޑޫ ސިޓީގެ އެހެން ހުރިހާ ރަށެއްގައި ކާފިއު އުވާލާފައި ވީ ނަމަވެސް ހުޅުމީދޫގެ ކާފިއު އުވާނުލާން ނިންމާފައި ވަނީ އެ ރަށުން ރެންޑަމްކޮށް ނެގި ދެ ސާމްޕަލް ޕޮޒިޓިވްވެ، އެ ދެ މީހުންނާ ކޮންޓެކްޓުވި އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

މިހާތަނަށް އައްޑޫއިން 79 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 399 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށާއި މިހާތަނަށް އައްޑޫގައި 122 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައި ވެއެވެ.

އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ހިތަދޫއިން 21 މީހުން، މީދޫއިން 8 މީހުން، މަރަދޫފޭދޫއިން 4 މީހުން، ފޭދޫއިން 17 މީހުން އަދި އެމްޓީސީސީގެ މަސައްކަތު ސައިޓަކުން 26 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. 38 އެކްޓިވް ކޭސް ހިމެނޭއިރު، މިހަތަނަށް 38 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 89 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ކޭސްތައް ފެންނަމުން ދާތީ ހާއްސަ ސަމާލުކަމެއް ދީގެން އައްޑޫއިން ރެމްޑަމްގެ ސާމްޕަލްތައް ނަގަމުން ދާއިރު، މިހާތަނަށް 2754 ސާމްޕަލެއް ނަގާފައިވެއެވެ.