ކޮވިޑް ބަލިން ރައްކާތެރިވުމަށް އަލާން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި މި ހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކަން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ލީޑަރު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ، ތިމާގެ ފުރާނަ އާއި ނަފްސު ރައްކާތެރި ކުރުމަކީ އިސްލާމް ދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމް ކުރާ ކަމެއް ކަަމަށެވެ. އެހެންކަމުން ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ސިއްހީ މާހިރުން ލަފާ ދޭ ކަންތައްތައް ކުރުމަކީ ލާޒިމް ކަމެއް ކަމުގައި މައުމޫން ފާހަގަ ކުރެއްވިއެވެ. އަދި މިވަގުތު ޖަމާއަތުގައި ނަމާދު ކުރާ އިރު ގައިދުރުކަން ދެމެހެއްޓުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ރޯގާ ފެތުރެމުން އަންނަނީ މާލެ ސަރަހައްދުގައި އެކަންޏެއް ނޫނެވެ. މިހާރު ކޮމިއުނިޓީ ސްޕްރެޑެއް ފެނި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެ ސަރަހައްދެއް ވަނީ މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައެވެ. އައްޑޫ އަދި ފުވައްމުލައް ސިޓީގައި ކާފިއު ހިންގަމުން އަންނަ އިރު އެ ދެ ސިޓީގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަޑު ޖައްސާލާފައެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ކޭސްތައް ފެންނަމުންދާ މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައެއް ނުވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހުކުރު ދުވަހު ހުކުރު ނަމާދުގެ ހުތުބާ ކުރު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިދޔަ ހުކުރުން ފެށިގެން ވަނީ އެގޮތަށް އަމަލުވެސް ކުރަން ފަށާފައެވެ.

މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަލުތަކަށް ބަލާއިރު، މިސްކިތްތަކަށް ދާ މީހުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި އަމިއްލަ މުސައްލަ ގެން ދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން ހިމެނެއެވެ. އަދި ނަމާދުކޮށް ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. މީގެ އިތުރުން މިސްކިތުގައި މާސްކު އެޅުމަށާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބަހައްޓަން އިސްކަން ދޭން ޖެހޭ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.