ލަކްސް ސައުތު އަރިއެޓޯލް ރިސޯޓުން ގިނަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ބޮޑު އައުޓް ބްރޭކެއް ފެނިފައިވާ އިރު މިއަދު އިތުރު 9 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް ކޭސްތަކުގެ އަޕްޑޭޓް ދެމުން ބުނީ، މިއަދު ރިސޯޓު ތަކުން ޖުމްލަ 17 ކޭސް ފެނިފައިވާ އިރު އޭގެތެރޭގައި 9 މީހަކީ ލަކްސް ރިސޯޓުން ރިޕޯޓު ކުރި ކޭސްތައް ކަމަށެވެ. އަދި އެ ކޭސްތަކުގެ ތެރޭގައި އެ ރިސޯޓުގެ ސްޓާފުން ހިމެނޭ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އިއްޔެ 37 ކޭސް ފެނިފައިވާ އިރު މިއަދު ފެނުނު ކޭސްތަކާ އެކުވެ މިހާރު އެ ރިސޯޓުގެ ކޭސތަކުގެ އަދަދު މިވަނީ 46 އަށް އަރާފައެވެ.

ރިސޯޓުތަކުން ކޮވިޑްގެ ކޭސްތައް މިފަހުން ބޮޑުތަނުން އަނެއްކާވެސް އިތުރުވަމުން އަންނައިރު ރިސޯޓުތަކުގައި ވެކްސިން ޖެހުންވެސް ވަނީ ފަށާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މިއަދުވެސް ކޮވިޑް ޖެހިގެން ރިޕޯތް ކުރި އަދަދު ވަނީ 100 އިން މައްޗަށް ގޮސްފައެވެ. މިއަދު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދަކީ 161 އެވެ.