އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށްވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އެ މައްސަލާގައި ޝިޔާމު ވިދާޅުވެފައިވަނީ ނަމުގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވެފައި، އެ އެއްބަސްވުން އެކުލަވައިލީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި މަޖިލިހުގެ ރުހުމެއް ހޯދުމަކައިނުލައި ކަމުގައެވެ.

އެތަނުގައި ތަރައްގީކުރާ ހާބަރާއި ޑޮކްޔާޑް ބެލެހެއްޓުމުގައި އިންޑިއާ ސިފައިންނަށް އެތަނުގައި ދާއިމަށް ތިބެވޭނެ ގޮތަށް އެއްބަސްވުން ފަރުމާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެގޮތުން މިލިޓަރީ ޕާސަނަލްގެ ބަދަލުގައި "އޮފިޝަލުން" ނުވަތަ "ޓެކްނީޝަނުން" ފަދަ ލަފްޒުތައް ހިމަނައިގެން ކަމަށް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެ އެއްބަސްވުމާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޝިޔާމް ވިދާޅުވީ، ރާއްޖޭއަށް އިގްތިސޯދީ ގޮތުން ވަރަށް ދަތި ދަނޑިވަޅެއްގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ބޭރު ގައުމުތަކުން 6.45 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ. މިފަދަ ނާޒުކު ހާލަތެއްގައި އެގޮތަށް ލޯނު ނެގުމުން ރައްޔިތުން ކަންބޮޑުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝިޔާމު މި މައްސަލަ ހުށަހެޅުއްވިއިރު ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންގަވައިގެން ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާ މެންބަރު އާލީ އާޒިމްވަނީ މިފަދަ އެއްބަސްވުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ބަނދަރުގެ އެގްރީމެންޓްގެ ތަފްސީލް ހާމަކުރުމަށް ގޮވާލައްވާފައި ވާއިރު، އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތަރައްގީ ކުރާނީ ޒަމާނީ، ނޭވަލް ބަދަރެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސް ވެފައެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި އަދި އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމާ ގުޅިގެން އަބަދު ވެސް އިދިކޮޅު ކޯލިޝަނުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މިކަންކަން މިހެން އޮތް އިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރުމަށާއި ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ-228 މަރުކާގެ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާ ދެމެދު ވެވިފައިވާ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނުން ބުނެފައި ވަނީ، އެ އެއްބަސްވުން ހާމަކުރުމަށް ވުރެ މަސްލަހަތު ބޮޑު ގޮތަކީ އެ އެއްބަސްވުން ހާމަ ނުކުރުން ކަމަށެވެ. ހަމައެއާއެކު އެއްބަސްވުން ހާމަކޮށްފި ނަމަ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ކަމަށާއި އެކަމަކީ ގައުމީ ސަލާމާތާ ވެސް ގުޅުން ހުރި ކަމެއް ކަމުގައެވެ. އަދި އެ އެއްބަސްވުން ހާމަކޮށްފި ނަމަ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށްވެސް އައިކޮމް އިން ބުނެފައި ވެއެވެ.