އިދިކޮޅު ކޯލިޝަނުން ރާއްޖެއަށް ވަޑައިގެން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓާއެސް. ސުބްރަމާނިއަމް ޖަޔަޝަންކަރާ ބައްދަލު ކުރައްވައިފިއެވެ.
އެ ކޯލިޝަނުން ބުނީ މިއަދުގެ އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އަތްދަށުން ވޭތުވެދިޔަ 15 މަސްދުވަހު އަނިޔާ ލިބެމުންދާ ވާދަވެރި ކޯލިޝަންގެލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަސާސީ އެތަކެއް ހައްގެއް ނިގުޅައިގަނެވި، އެމަނިކުފާނު ނުހައްގުން ޖަލަށްލައިގެން މި ސަރުކާރުން ކަންކުރަމުންދާ ގޮތުގެ މައުލޫމާތު އިންޑިޔާގެ ހާރިޖީ ވަޒީރަށް އެރުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، އިދިކޮޅަށް އިންކެމްޕޭން ކުރުމަށް ސަރުކާރުން އެކިގޮތްގޮތުން އަޅަމުންދާ ހުރަސްތަކަށް އަލިއަޅުއްވާ ކަމަށެވެ.
އަދި ރާއްޖޭގައި ގާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އަންނަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންކަން ފާހަގަކޮށް، ރާއްޖޭގައި ދާހިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމު ވާނެ ކަމެއްކަން ޔަގީންވާ ކަމަށް ވެސް އެ ކޯލިޝަނުން ފާހަގަ ކުރި ކަމަށެވެ. އެގޮތުން، މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑެމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުވާލި ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
މިއަދު އެ ބައްދަލުވުން ބާއްވާފައި ވަނީ މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުގައެވެ. މިއަދު މެންދުރު އޮތް އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަން ހިންގަން ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީ ގެ ރައީސް އަބްދުއްރަޙީމްއަބްދުﷲ އާއި އެ ކޯލިޝަންގެ މެންބަރުން ޕީއެންސީ ގެ ނާއިބު ރައީސު މުހައްމަދު ހުސައިން ޝަރީފާއި މުހައްމަދު ސައީދާއި އާދަމް ޝަރީފް އުމަރާއި ޕީޕީއެމްގެ ނާއިބު ރައީސް މުައްމަދު ޣައްސާން މައުމޫންގެ އިތުރުން އަހްމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ.
އަދި، ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި އެޑްވައިޒާ ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޕީ.އެން.ސީ ގެ ސެކްރެޓަރީ ޖެނެރަލް ގީލާ ޢަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ.