އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒް ހަދިޔާ ކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް މި ވެކްސިން މިއަދު ހަވާލުކުރެއްވީ މިއަދު މެންދުރު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރެވެ. ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.

މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް އެއް ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. މި މަހުގެ އެއްވަން ދުވަހުން ފެށިގެން ވެކްސިން ދޭން ފަށާފައިވާއިރު ރާޖެޣައި ދީފައި ވަނީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިން އެވެ.

ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކސިން ހަދިޔާކުރަން ވަނީ ނިންމައިފައެވެ. އެއީ ސައިނޯފާމް ވެކްސިނެވެ. މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާ ކޮށްފައެވެ. ނަމަވެސް އަދި އެ ވެކްސިން ދޭން ނުފަށައެވެ.

މިހާތަނަށް ރާއްޖޭގައި 64،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައި ވާއިރު ސަރުކާރުން ވަނީ ވެކްސިންގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.