ފުވައްމުލައް ސިޓީން ކަރަންޓީން އުސޫލުތަކާ ހިލާފުވި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިފަދަ ބޮޑު ފިޔަވަޅެއް އަޅަން ޖެހުނީ ތަކުރާރުކޮށް ކަރަންޓީނު އުސޫލާ ހިލާފު ވުމުގެ ސަބަބުން ކަމަށެވެ. ކަރަންޓީނު އުސޫލުތަކާ ހިލާފު ވި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރިއިރު، ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން ވެސް ރޭ އެރަށުގެ 11 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބާ، މިފަދަ ފިޔަވަޅުތައް ތަކުރާރު ނުކުރުމަށް އެރަށު ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ފުވައްމުލަކުން ކަރަންޓީން އުސޫލުތަކާ ހިލާފުވި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވާއިރު، އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް ތަބާ ނުވާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އެގޮތުން ފިޔަވަޅުތަކަށް ތަބާ ނުވާ ފުރަތަމަ ފަހަރު 1000 ރުފިޔާއިން، ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި ތިން ވަނަ ފަހަރު 7500 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހަތަރު ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު ފިޔަވަޅުތަކަށް ތަބާ ނުވާނަމަ 10،000 ރުފިޔައިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އެޗްޕީއޭގެ ފިޔަވަޅުތަކަށް ތަބާ ނުވަނީ ގާނޫނީ ޝަހުސެއް ނަމަ ޖޫރިމަނާ ކުރާ އަދަދު ބޮޑެވެ. އެގޮތުން 5000 ރުފިޔާއިން ފެށިގެން 1 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރާނެއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައް ސިޓީގައި ދަނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަމުންނެވެ. އަދި އެޗްޕީއޭން ވަނީ އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލަން އަންގާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް ވެސް އަންގާފައެވެ.

މިހާތަނަށް އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 33 މީހެކެވެ.