ފުވައްމުލަކު ސިޓީ މޮނިޓަރިން ހާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފުވައްމުލައް ސިޓީގެ ނާޒުކު ހާތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅާ ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއާ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައް ސިޓީގައި މިހާރު އޮތް މޮނިޓަރިން ހާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ މި ފަދަ ސިއްހީ ހާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތުގެ ތެރެއިން ކާބޯތަކެތީގެ އިތުރުން ސެނިޓައިޒާ، މާސްކް، އަންގި ފަދަ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން މިހާތަނަށް 40 ކެއާ ޕެކޭޖަސް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގައި ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މުވައްޒަފުންނާއި ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުން ހަރަކާތްތެރި ވަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މޮނިޓަރިން ހާލަތަށް ގެންނަ ރަށްތަކުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެމުންދާ ކަމަށެވެ. އެ ގޮތުން މި މަހުގެ 11 އިން ފެށިގެން އައްޑޫ ސިޓީގެ އެކި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.