އިއްޔެ އޮޔާ ދަނިކޮށް ފެނުނު ޑިންގީއެއްގައި އެކަނި ހުރި ބިދޭސީ މީހާއާއި ވ. އަތޮޅު ފަޅުރަށެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމީހުންނަކީ ލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބެހިގެން މިހިސާބަށް އާދެވުނު ބައެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވ. އަންބަރާ ބޭރުން ޑިންގީއެއްގައި ފެނުނު މީހާ އާއި ވ. ފުއްތެޔޮ ބޮޑުފުށިން ފެނުނު މީހާ އަކީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސްރީލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބެހިގެން މިހިސާބަށް އާދެވުނު ބައެއް ކަމަށެވެ. މި މައްސަލައިގައި އިތުރަށް ސާފު ކުރަންޖެހޭ މައުލޫމާތު ކަމާ ގުޅުން ހުރި ރަސްމީ އިދާރާތައް މެދުވެރިކޮށް ސާފު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުއްތެޔޮ ބޮޑުފުއްޓަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ 11 ޖަހާކަށް ހާއިރެވެ. އަދި އެމީހާ ފެނުމާއެކު ފުލުހުން ވަނީ އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކޮށްފައެވެ. އަދި އެ ފެނުނު މީހާ އަކީ ބިދޭސީއެއް ކަަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައިވާ އިރު އެމީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ހުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ސާފުކޮށް ދީފައެއް ނުވެއެވެ.
އެއަށް ފަހު އިއްޔެ ހަވީރު ވަނީ އޮޔާ ދަނިކޮށް ޑިންގީއެއް ފެނިގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައެވެ. ވ. އަންބަރާ ކައިރިން ދަތުރުކުރަމުން ދިޔަ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީ އަކަށް ހާލުގައި ޖެހި އޮޔާދާ ޑިންގީ އެއްގައި ބިދޭސީ މީހަކު އިންދާ ފެނިގެން ރިޕޯޓް ކުރީ 05:12 ހާއިރެވެ. އަދި އެމީހާ އަތުގައި ހުރި ލިޔެ ކިޔުންތަކަށް ބަލާއިރު އެއީ ސްރީލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ޑިންގީ ވަނީ ވ. ފެލިދޫ އަށް އިއްޔެ ގެންގޮސްފައެވެ.
އެމީހާ ޑިންގީގައި އިންދާ ނަގާފައިވާ ފޮޓޯއެއް އެމްއެންޑީއެފުން އާންމުކޮށްފައިވާ އިރު އެ ޑިންގީއަކީ ރާއްޖޭގެ ޑިންގީއެއް ނޫންކަން ހާމަވެއެވެ. މި މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ބުނެފައި ވަނީ ފުލުހުން ބުނީ، ވ. ފުއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ވ. އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީ އާ ގުޅުން ހުރި މީހެއް ކަމަށެވެ.