އިންޑިއާގެ ސީރިއަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިން ޖެހުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފިއެވެ.

ޕީޕީއެމުން އެފަދައިން ގޮވާލައިފައި ވަނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ އިމަޖެންސީ ހުއްދަ ދިނުމާ ގުޅިގެންނެވެ. އެ ޖަމައިއްޔާއިން މި ހުއްދަ ދީފައި ވަނީ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން (ސޭޖް)ގެ މާހިރުން ކުރި ހަތަރު ހަފްތާގެ ދިރާސާ ނިންމުމަށްފަހު އެވެ.

އެހެންކަމުން ކުރިން ހުއްދަ ދީފައިވާ ފައިޒާ-ބަޔޯއެންޓެކް މަރުކާގެ ވެކްސިންގެ އިތުރުން އެ ދެމަރުކާ ވެސް ބޭނުން ކުރުމަށް އެ ޖަމްއިއްޔާން ގޮވާލާފައި ވާތީ އެކަމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ޕީޕީއެމުން ބުނީ، އެ ޕާޓީން ގަބޫލު ކުރާ ގޮތުގައި، ރައްޔިތުންގެ ސިއްހަތަށް ވުރެ ކުރިއަށް ނެރެވޭނެ އެއްވެސް އެހެން އެޖެންޑާއެއް އޮވެގެން ނުވާނެ ކަމަށެވެ. އެއީ ހާރިޖީ ގުޅުން ކަމުގައި ވިއަސް، ސިއްހީ ދާއިރާގެ ހިދުމަތްތެރިންގެ މުސާރައާއި އިނާޔަތްތައް ކަމުގައި ވިއަސް، އެފަދަ އެންމެހާ ކަންކަން އަންނަން ވާނީ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި، ސަލާމަތާ، ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށް އެ ޕާޓީން ބުނެއެވެ.

ވެކްސިން ޖެހުމަށް ޕީޕީއެމުން ގޮވާލުމުގެ އިތުރުން، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރުވެފައި ވާއިރު، އެކަމަށް އިތުރު ހިތްވަރެއް ދިނުމަށް އެ ޕާޓީން ނިންމާފައެވެ. އެގޮތުން، ޕީޕީއެމް ކޯލިޝަނުގެ އިސްވެރިންނާއި ކައުންސިލް މެންބަރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމަށް ޕީޕީއެމުން ގޮވާލާފައި ވާއިރު، މީގެ ކުރިން އެ ޕާޓީން ވަނީ ކޮވިޝީލްޑް ވެކްސިން ނުޖެހުމަށް ގޮވާލަމުންނެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިނަށް ޑަބްލިއުއެޗްއޯއިން ހުއްދަ ނުދޭތީ، އެ ވެކްސިން ޖެހުމާ ދެކޮޅަށް އެ ޕާޓީން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.