ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އައްޑޫ ސިޓީގައި އަޅާފަައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަންމާލައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އައްޑޫ ސިޓީގައި ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ހަމަވާ މުއްދަތަކީ މި މަހުގެ 23 އެވެ.
އެ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު އިއުލާން ކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހެވެ.
މީގެ އިތުރުން ވެސް އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަކީ:
- ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
- އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.
- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން.
- ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
- ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
- ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
- ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިއުން ހުއްޓައިލުން.
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނެއެވެ.
އައްޑޫ ސިޓީން ފެނުނު ކޭސްތައް މިހާރު ވަނީ 62 އަށް އަރާފައެވެ. މިއަދު ވަނީ އެ ސިޓީން އެކަކު ޕޮޒިޓިވް ވެފައެވެ. ޖުމްލަ ކޭސްގެ އަދަދު 62 އަށް އަރާފައިވާ އިރު، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވަނީ 341 މީހަކު ދެނެގަނެވިފައި ކަމަށާއި 210 އިމާރާތް ކަރަންޓީން ކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ.
ހިތަދޫން ފެނުނު ކޭސްގެ އަދަދު 20 އަށް އަރާފައިވާ އިރު ފޭދޫން ވަނީ 13 ކޭސް ފެނިފައެވެ.ހުޅުމީދޫން 25 ކޭސް އަދި މަރަދޫ ފޭދޫން 4 ކޭސް މިއަދާ ހަމައަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މިހާތަނަަށް އައި އިރު މަރަދޫން އެންމެ ކޮވިޑް ކޭސްއެއް ވެސް ފެނިފައެއް ނުވެއެވެ.