ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިބުހާގައި 735 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ކުރިން އިންތިހާބު ބާވަން އޮތް ތާރީހުގައި އީސީން ބަހައްޓަން ނިންމީ 532 ވޯޓު ފޮއްޓެވެ.

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓު ފޮށީގެ އަދަދު އިތުރުވެފައިވަނީ ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅިގެން ކަމަށެވެ.

އެގޮތުން ގެނައި ބަދަލާއެކު މާލޭގައި 68 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށާއި ކޮންމެ ފޮއްޓަކަށް 500 މީހުން ވޯޓުލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފު ވިދާޅުވީ މިފަހަރު ވޯޓުލާ މަރުކަޒުތަކަށް 8،000 އޮފިޝަލުން ބޭނުންވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ