ފަތުރުވެރި ކަމުގެ އުންމީދީ އަހަރު ގުނަމުންދާ އިރު، އިއްޔެ ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސް އަނެއްކާވެސް ރެކޯޑެއް ހަދާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރީން ބުނެފިއެވެ.

ރާއްޖެއަށް މި އަހަރު ފަތުރުވެރިން އައި އަދަދުގެ ރެކޯޑް އިއްޔެ މުގުރާލާފައިވާ ކަމަށް ބުނެ އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި އިއްޔެ ރާއްޖެއަށް ވަނީ 4856 ފަތުރުވެރިން އައިސްފައެވެ. މިއާ އެކު މި އަހަރު ފެށުނު ފަހުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމަލް އަދަދު ވަނީ 138،912 އަށް އަރާފައެވެ.

2020 ވަނަ އަހަރު އައި ފަތުރުވެރިން:

  • ޖެނުއަރީ މަހު: 173،347
  • ފެބްރުއަރީ މަހުގެ 14 ގެ ނިޔަލަށް: 71،353

2021 ވަނަ އަހަރު އައި ފަތުރުވެރިން:

  • ޖެނުއަރީ މަހު: 92،103
  • ފެބްރުއަރީ މަހުގެ 14 ގެ ނިޔަލަށް: 46،809
ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން / ފޮޓޯ: ވެލާނާ އެއާޕޯޓް

މި މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިއްޔެގެ އިތުރުުން މިމަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހުއެވެ. އެގޮތުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކީ މި މަހުގެ 12 ކަމަށާއި އެ ދުވަހު 4809 ފަތުރުވެރިން އައިސްފައިވާ ކަަމށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެއަށް ފަހު މި މަހުގެ 13 ވަނަ ދުވަހު 4480 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި އަހަރު ފެށުނު ފަހުން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 145 ރިސޯޓަކާއި 349 ގެސްޓް ހައުސަކާއި 11 ހޮޓަލެއްގެ އިތުރުން 136 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.

މިދިޔަ އަހަރު ކޮވިޑް ބަލި މަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައި އޮތުމަށް ފަހު ފަތުރުވެރިކަމުގެ ސިނާއަތު ކޮޅަށް ޖެހުމަށް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތަަކަށް ޓޫރިޒަމް މިނސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ވެކްސިން ޖަހަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފެންނަނީ ވަރަށް އުންމީދީ ކޮށް ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން / ފޮޓޯ: ވެލާނާ އެއާޕޯޓް

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކިލަނބު ދުވަސްތަކަށް ފަހު ފަތުރުވެރިކަން ކުރިއަރާފައި މިވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިން ރާއްޖެއަށް އައުމަށް އެތައް ކެމްޕޭންތަކެއް ކުރުމުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 15 އިން ޑިސެމްބަރު 30 ގެ ނިޔަލަށް 169،964 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަހަރުވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ފަތުރުވެރިކަމުގެ ރަން އަހަރު 2022" ކައުންޓްޑައުން ވަނީ ފަށާފައެވެ.