ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ޖުމްލަ 209 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ ޕޮޒިޓިވް ވި 209 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 101 މީހަކާއި އަތޮޅުތަކުން ޕޮޒިޓޮވްވި 108 މީހުން ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިވަނީ 17,716 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 15،291 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2360 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 190 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 59 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 51 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 59 މީހުންގެ ތެރެއިން 56 މީހަކު މާލެ ސަރަހައްދުގައި މަރުވެފައި ވާއިރު، 2 މީހަކު މަރުވީ އަތޮޅު ތެރޭގެ ރަށްތަކުންނެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ދުބާއީގައި ހުއްޓާ ކޮވިޑް ޖެހިގެން ދިވެއްސަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 1837 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.

ރާއްޖޭގައި ކޭސްތައް ގިނަ ވަމުންދާ 3 ސަރަަހއްދެއް ވަނީ މޮނިޓަރިން ހާލަަތަށް ލައި ކާފިއު އިއުލާން ކޮށްފައެވެ. މާލެ ސަރަަހއްދުގެ އިތުރުން އައްޑު އަދި ފުވައްމުލައްވެސް ވަނީ ކާފިއު އިއުލާން ކޮށްފައެވެ.

މީގެ އިތުރުން އިއްޔެ މާލެ ސަރަހައްދުގައި ވަނީ އެއްގަމު އުޅަނދު ދުއްވުން މަނާ ކުރާ ވަގުތު އިތުރު ކޮށްފައެވެ. އެގޮތުން އިއްޔެ ފެށިގެން އިރުއޮއްސި 6 އިން ހެނދުނުގެ 6 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެއެވެ.