އިންގްލިޝް ޕްރިމިއާ ލީގުގައި ޗެމްޕިއަންސް ލިވަޕޫލާއި ލެސްޓާ ސިޓީ މިއަދު ވާދަ ކުރި މެޗު 1-3 އަކުން ލެސްޓާއިން ކާމިޔާބުކޮށްފިއެވެ. މިއާއެކު، ލިވަޕޫލް މިވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުުން ވެސް ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 67 ވަނަ މިނެޓްގައި ލިވަޕޫލްގެ ފަރާތުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހެވެ.

ލިވަޕޫލުން ލަނޑެއް ޖެހިތާ މާގިނަ އިރު ތަކެއް ނުވެ ލެސްޓާއިން ވެސް ލަނޑެއް ޖަހާ ސްކޯ ހަމަހަމަ ކުރިއެވެ. ލިވަޕޫލްގެ ތިއާގޯ ކުރި ފައުލަކަށް ލެސްޓާއަށް ލިބުނު ސީދާ ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަންއެވެ.

ދެން ފެނިގެން ދިޔައީ ކައިރި ކައިރީގައި ލެސްޓާއިން ދެ ލަނޑު ޖަހިތަނެވެ. މެޗުގައި ލެސްޓާއިން ޖެހި ދެވަނަ ލަނޑަކީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއަށް ހެދުނު ގޯހަކުން ވަތް ލަނޑެކެވެ. މެޗުގެ 81 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމީ ވާޑީއެވެ.

މެޗުގެ 85 ވަނަ މިނެޓްގައި ލެސްޓާ ޒުވާން މިޑްފީލްޑަރު ހާވީ ބާންސް ޖެހި ލަނޑާއެކު 1-3 ގެ ނަތީޖާ ޔަގީންވެގެން ދިޔައެވެ.

މިމެޗުން މޮޅުވެ ލެސްޓާ މިހާރު ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއީ 24 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އަދި ވެސް އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އެހެން ނަމަވެސް މި ސީޒަންގައި ގަދަ ހަތަރަކުން އެޓީމަށް ޖާގަ ލިބޭނެ ކަމާއި މެދު މިހާރު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.