އައްޑޫ ސިޓީން އިތުރު ފަސް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 58އަށް އަރައިފިއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދުގެ ހަވީރު 6:00ގެ ނިޔަލަށް ފަސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ ހިތަދޫން ތިން މީހަކާއި، ފޭދޫ އިން ދެ މީހުންނެވެ. އެއާއެކު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 58 އަށް އަރާފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.
އަދި އޭގެ ތެރެއިން ހަތަރު މީހަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.
މީގެ އިތުރުން އެ ސެންޓަރުން ބުނީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް 174 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި 182 ތަނެއް ކަރަންޓީނަށް ލާފައިވާއިރު މިހާރު ޕޮޒިޓިވް ވެފައިވަ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 341 އަށް އަރާ ކަމަށެވެ.
އައްޑޫ ސިޓީން ކޮވިޑް ކޭސްތަކެއް ފެނުމާއެކު ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކާފިއުވެސް އިއުލާން ކޮށްފައެވެ. އެ ސިޓީގައި ކާފިއު ވަގުތަކީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދެވެ.