ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 08:00 ޖަހާއިރު ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ވިޔަފާރި އުސޫލުން ( އަމިއްލަ ފަރާތަކަށް) ހުޅުމާލެ 2 ވަނަ ފޭސްގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ފަސް މިނެޓަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް، "ސިފްކޯ" އިން ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ތަފާތު ހަފްލާތަކުގައި އެކި އެކި މުނާސަބާތައް ފާހަގަކުރުމަށް ހަވާ އަރުވައެވެ.

އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ވަނީ ހަވާ އަރުވާފައެވެ.