އިސްލާމީ މަރުކަޒުގައި މިއަދު ކޮވިޑް-19 ވެކްސިން ދޭން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ، މިއަދު އިސްލާމީ މަރުކަޒުގައި ވެކްސިން ޖަހަން ހަމަޖެހިފައިވާ އިރު ވެކްސިން ޖަހާނީ 45 އަހަރާއި 55 އަހަރާއި ދެމެދުގެ ހައިރިސްކު މީހުންނަށާއި، 55 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 އިން ފެށިގެން އެ ސެންޓަރުން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 38 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވެކްސިން ޖެހުމުގެ ކަންކަން ހަލުވި ސްޕީޑެއްގައި ކުރިއަށް ދާއިރު އިއްޔެގެ ނިޔަލަށް 20،161 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އެގޮތުން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 16،703 މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 3458 މީހުންނެވެ.